ގާނޫނުއަސާސީން މަތިކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފެހި ގާނޫނުއަސާސީ ތަސްދީގުކުރި ކުރުމަށް 16 އަހަރު ފުރުން ފާހަގަކުރައްވައި މިއަދުގެ ޖަލްސާ ފެށްޓެވުމުގެ ކުރިން އަބްދުއްރަހީމް ވަނީ، ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމާއި، މަޖިލީހަށް ގާނޫނުއަސާސީން މަތިކޮށްފައިވާ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"ހައްގުތައް ކަށަވަރުކޮށްދިނުމުގައި، އަދި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް، މުއައްސަސާތައް ޖަވާބުދާރީކުރުވައި، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު މިމަޖިލީހުން އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އޭނާ ވިދާޅުވިއެވެ.

އަލަށް އެކުލަވާލި ފެހި ގާނޫނުއަސާސީ ތަސްދީގުކުރީ އޮގަސްޓު 7، 2008 ގައެވެ. އެ ގާނޫނުއަސާސީ އެކުލަވާލަން ނެގި ހާއްސަ މަޖިލީހުގެ ރިޔާސަތު އޭރު ބެލެހެއްޓެވީ މިހާރުގެ މާމިގިލި ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

މިއަދުގެ ޖަލްސާގައި އަބްދުއްރަހީމްގެ އިތުރުން މެންބަރުން އެކަން ފާހަގަކުރައްވައި، ގާސިމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.