ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މަސް އެކްސްޕޯޓު ކުރުމަށްޓަކައި ކުޑަ ޕެކިން ފެސިލިޓީއެއް އެޅުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑިރެކްޓަރު ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ސިނާން ވިދާޅުވީ މި ޕެކިން ފެސިލިޓީގެ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތަކާ ގުޅޭގޮތުން މިފްކޯއާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އިތުރަށް ސިނާން ވިދާޅުވީ ރާއްޖޭގައި މަދުން މަސް އެކްސްޕޯޓު ކުރާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކުން މިހާރު އެކަން ކުރަން ޖެހެނީ މަސް އެކްސްޕޯޓުކުރާ އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަން ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕެކިން ފެކްޓްރީއާއި އެކު 100 ނުވަތަ 200 ކިލޯ އެކްސްޕޯޓުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ލިބިގެން ދާނެކަން ފާހަގަކޮށް ސިނާން ވިދާޅުވީ ހުރިހާ މަސްވެރިކަމަށްވެސް ހައްލު ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ މި ޕެކިން ފެކްޓްރީ އާއި ގުޅޭގޮތުން ސިނާން ވިދާޅުވީ ހުޅުމާލޭގައި މިފްކޯ އިން މި ފެކްޓްރީ ތަރައްގީކުރި ނަމަވެސް އެތަނުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން، މަދުން މަސް އެކްސްޕޯޓުކުރާ ފަރާތްތަކުގެ ހިއްސާ އޮންނަ ފަރާތަކަށް ނުވަތަ ޔޫނިއަންއަކަށް ދިނުމަށް ނިންމާފައި ވާކަމަށެވެ.