ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއްކޮށް ދަރާފައި ވަނިކޮށް މިހާރު އެ ދަރަނި ތިރިކޮށްފައިވާ ކަމަށާއި މިހާރު ދަރަނި އޮތީ 585 މިލިއަން ރުފިޔާގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒުހެއިރު ވިދާޅުވީ، މި ސަރުކާރުން އެ ކުންފުންޏާ ހަވާލުވި އިރު ގިނަ ލިޔެކިޔުންތައް އެއްގޮތަކަށް ވެސް ބަލަހައްޓާފައި ނުވާ ކަމަށާއި ލިބުނު ލިޔެކިޔުންތަކަށް ބަލާއިރު ކުންފުނީގައި 837 މިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށެވެ. އެއާއެކު ސަރުކާރުގެ އެހީތެރިކަމާ އެކީ މިހާތަނަށް އޭގެ ތެރެއިން 152 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދައްކާފައި ކަމަށާއި މިހާރު ދަރަނި ވަނީ 585 މިލިއަން ރުފިޔާ އަށް ތިރި ކޮށްފައި ކަމަށް ޒުހެއިރު ވިދާޅުވިއެވެ.
ސިޔާސީ ވަޒީފާތަކުގައި ކުރިން ގިނަ ބަޔަކު އުޅުނު ކުންފުނީގެ ދަރަނި ބޮޑުވި ސަބަބުތަކުގެ ތެރޭގައި އެކި މަޝްރޫއުތަކަށް ބޭނުންވާ އުޅަނދުތައް މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް އަމިއްލަ ކުންފުނިތަކަކުން ކުއްޔަށް ނަގައިގެން ބޭނުންކުރުން ހިމެނެއެވެ. އަދި ކުންފުންޏަށް ބޭނުން ނުވާ ވަރަށް ވެހިކަލްތައް ވެސް އިތުރަށް ކުއްޔަށް ނަގާފައިވާ ކަމަށާއި އެކަމާ ގުޅިގެން އެތައް މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހިފައިވާ ކަމަށް ޒުހެއިރު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ވެހިކަލް ކުލީގެ ގޮތުގައި މަހެއްގެ މައްޗަށް 15 މިލިއަނެއްހާ ރުފިޔާ އެބަ އަރާ ކަމަށާއި އެހެންކަމުން މިހާރު ވާނީ ބައެއް އެއްޗެހި ދޫކޮށްލާފައި މާކެޓް ރޭޓަށް އަގުތައް ތިރިކޮށްފައި ކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި 6 މިލިއަނަށް އެ އަދަދު ވެސް ދަށްކޮށްފައިވާ ކަމަށް ޒުހެއިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑު އަގުގައި ވެހިކަލްތައް ކުއްޔަށް ނެގުމުގެ އިތުރުން އާރުޑީސީން އުޅަނދުތައް ވެސް ގަނެފައި ހުރީ ލިބެން ހުރި އަގަށް ވުރެ ބޮޑުކޮށެވެ. ކުރިން މެޓީރިއަލްތައް ގަންނަ އަގަށް ވުރެ 35 ޕަސެންޓު އަގު ހެޔޮކޮށް މިހާރު ސާމާނު ގަނެގެން މަޝްރޫއުތައް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަރަދު ކުޑަކުރުމަށް ގެނައި ބަދަލުތަކާއެކު ގާތްގަނޑަކަށް މިހާ ހިސާބަށް 19 މިލިއަނެއްހާ ރުފިޔާގެ ހަރަދު ކުޑްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށް ވުރެ އިތުރަށް ހަރަދު ކުޑަ ކުރެވޭނެ ކަމަށް ވެސް ޒުހެއިރު ފާޙަގަ ކުރެއްވިއެވެ.މިގޮތަށް ހިފެހެއްޓިއްޖެ ނަމަ މި އަހަރު ނިމޭ އިރު 234 މިލިއަން ރުފިޔާއަށް ހަރަދު ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
ޒުހެއިރު ވަނީ އާރްޑީސީގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަން ކަމަށް ތުހުމަތުވާ ބައެއް މައްސަލަތަކާ ގުލޭ ގޮތުން ޒުހައިރު ވިދާޅުވީ، އެއްވެސް ލިޔެކިޔުމަކާ ނުލައި 161 މިލިއަން ރުފިޔާ އިންޓަނެޓް ބެންކިން މެދުވެރިކޮށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާއި އެ ކުންފުނީގެ ސީއެފްއޯ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާވެ އެ ފައިސާ ވެސް އެފަދަ ގޮތަކަށް ދޫކޮށްފައިވާ މައްސަލައެއް ހިމެނޭ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކަކީ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރާ މައްސަލަތަކަކަށް ވާތީ އެކަމުގައި ހިމެނޭ މީހުންނާއި ކުންފުނިތަކުގެ ނަންތަކެއް ހިއްސާ ނުކުރެވޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.