ބަންގްލަދޭޝްގެ ގިނައަދަދެއްގެ ރައްޔިތުން ބޮޑުބަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާ، ކުރަމުން ދާ މުޒާހަރާގައި ގަނޑުވަރަށް ވަދެގަތުމާއެކު އިސްތިއުފާ ދެއްވައިފިއެވެ.
ހަބަރުތައް ބުނާގޮތުން، އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ ހެލިކޮޕްޓަރެއްގައި ގައުމު ދޫކުރައްވައި އިންޑިއާއަށް ދަތުރު ފައްޓަވާފައެވެ.
ނޫސްތަކުން ބުނާ ގޮތުން ހަސީނާ ދަތުރު ކުރައްވަނީ އިންޑިއާގެ އަގާރުތަލާ އަށެވެ.
2009 އިން ފެށިގެން ބަނގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދެވި ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ، އެގައުމުގައި ސިވިލް ސާވީސްގެ ވަޒީފާ ދިނުމުގައި 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް ކޯޓާއެއް ކަނޑައަޅާފައި އޮންނަ މައްސަލައިގައި އާންމުން ހިތްހަމަ ނުޖެހި ފެށި މުޒާހަރާތަކުގައި އާންމުންގެ ބަޔަކު މަރުވެފައި ވުމުން އުފެދުނު ރުޅިވެރިކަމުގައެވެ.
އެ ކޯޓާ ސިސްޓަމް ބަދަލުކޮށް އެގައުމުގެ ސްޕްރީމް ކޯޓުން 7 ޕަސެންޓް ހަނގުރާމައިގެ އާއިލާތަކަށް ކަނޑައަޅާ ބާކީ 93 ޕަސެންޓް މެރިޓެ ބޭސް އަށް [ތައުލީމީ ވަނަވަރަށް] ބެލުމަށް އަންގާފައި ވީ ނަމަވެސް އާންމުން ބުނަމުން ގެންދިޔައީ، ވެރިއަކަށް ހުންނެވި ފަރާތުން އާންމު ރައްޔިތުން މަރާފައި ވުމަކީ މައާފު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހަސީނާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށެވެ.
އެ މުޒާހަރާތަކުގައި ފުލުހުން ވަނީ އާންމުންގެ ގަޔަށް ބަޑިޖަހާ ގަސްތުގައި މަރާފައެވެ.
މިހާރު ފެށިގެން ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގައި 90 އެއްހާ މީހުން މަރުވެއްޖެ ކަމަށް ހަބަރުތަކުން ބުނެއެވެ. އަދި ފާއިތުވި މަސްދުވަހާއެކު ހިނގަމުން އަންނަ ހަމނުޖެހުންތަކުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރޭގައި މަރުވި މީހުންގެ ޖުމްލަ 300 އަށް އަރާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ހަސީނާ އިސްތިއުފާ ދެއްވުމާއެކު، އާމީ ޗީފް ޖެނެރަލް ވޭކާ އުޒް ޒަމާން އިރުކޮޅެއްގެ ތެރޭގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.