ޔޫކޭގެ އިރުމަތީ ބިތުގެ ސައުތްޕޯޓުގައި ވަޅިން ހަމަލާދީ 3 ކުއްޖަކު މަރުވި ހާދިސާގައި އެކަން ކުރީ މުސްލިމް ޒުވާނެއް ކަމަށް ބުނެ ފެތުރި ދޮގު މައުލޫމާތަކާ ގުޅިގެން އުފެދިގެން އުޅޭ ހަމަ ނުޖެހުން ހޫނުވެ މުދަލާއި މީހުންނަށް ގެއްލުން ދެމުން އެބަދެއެވެ.
ސައުތްޕޯޓުގައި ހިންގާ ޑާންސް ކްލާހެއްގެ 3 ދަރިވަރަކަށް ވަޅިން ހަމަލާދިނީ ޔޫކޭއަށް ހިޖުރަ ކޮށްގެން އުޅޭ އުމުރުން 17 އަހަރުގެ މުސްލިމް ކުއްޖެއް ކަމަށް ބުނެ އެގައުމުގެ ބައެއް މީޑިއާ ތަކާއި އޮންލައިން ޕްލެޓްފޯމްތަކުގައި ވަނީ ހަބަރު ފަތުރާފައެވެ. މި ހަބަރާއެކު ކަނާއަތުފިޔައިގެ ހަރުކަށި މީހުން, ހިމާޔަތް ހޯދަން ޔޫކޭއަށް ވަންނަ މީހުނަށް ނުވަތަ ހިޖުރަވެރިންނަށް އަމާޒުކޮށް ހަމަލާ ދޭން ވަނީ ފަށާފައެވެ. އެގޮތުން ހިޖުރަވެރިން ގިނަ އަދަދަކަށް ތިބޭ ހޮޓާތަކަށް ގެއްލުން ދީ, ކައިރީގައި ހުންނަ ބައެއް ތަކެތީގައި ހުޅުޖަހާ ރޯކޮށް ހަދަމުން ދާ އިރު, ހަމަނުޖެހުން ހިންގާ ހަރުކަށި ޖަމާއަތްތަކުގެ މީހުން ގެންދަނީ, ގަލާއި, ލަކުޑިބުރިބުރިއާއި ހޮޅިބުރި އަދި ދަގަނޑުބުރި ފަދަ ތަކެތި ބޭނުން ކޮށްގެން ހަމަނުޖެހުން ހިންގަމުންނެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވަމުން ގެންދާ އިރު ހިނގަމުންދާ ކުރިމަތިލުންތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އިންޓަނެޓުގެ އެކި މަންސަތަކުގައި ދޮގު ހަބަރު ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން ފެށިގެން އުޅޭ މިހަމަނުޖެހުމާ ގުޅިގެން އިނގިރޭސި ސަރުކަރުން ބުނީ, ހަމަނުޖެހުން ހިންގަމުން ދާ ފަރާތްތައް ހުއްޓުވައި އެމީހުނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ސައުތްޕޯޓުގެ ވަޅި ޖެހުމުގެ ހާދިސާގައި ބައިވެރި ވަނީ މުސްލިމެއް ނޫން ކަމާއި އެކަން ކުރީ އިނގިރޭސިވިލާތަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށް ވާ އެލެކްސް ރުދަކަބާނާ ކަމަށް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ފަހު ވަނީ ހާމަވެފައެވެ.