މޫސުން ގޯސްވެ، ރޭ ކަނޑުމަތީގައި ހިނގާދިޔަ ހާދިސާތަކުގެ ތަފްސީލް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއަކާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ރޭ އެފަދަ 6 ހާދިސާ ހިނގާފައިވާއިރު އޭގެތެރެއިން އެއް ހާދިސާއަކީ 9 ފަތުރުވެރިންނާއި 5 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީ ތިމަރަފުށި އެއާޕޯޓް ބީޗަށް ލައްވުމުގެ ހާދިސާއެވެ. އެ ސަފާރީގައި ތިބި މީހުން އެ ރަށު ގެސްޓް ހައުސްއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

ދެވަނަ ހާދިސާއަކީ ތ.އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވާ ކަނޑައިގެންދިއުމުގެ ހާދިސާއެވެ. މިވަގުތު ބާޖު އޮތީ ގ. ގުރައިދޫ ކައިރިއަށް ބީހިފައި ކަމަށާއި ޓަގު ބޯޓް އޮތީ އެސަރަހައްދުގައި އެންކަރުކޮށްގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 02:54 ހާއިރުއެވެ.

ރޭ ކަނޑުމަތީ ހިނގި ހާދިސާތަކުގެ ތެރެއިން މީހަކަށް ފަރުވާދެނީ / ފޮޓޯ: އެމްއެންޑީއެފް

ތިންވަނަ ހާދިސާއަކީ 'ފިޝްމަން' ނަމަކަށް ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވުމުގެ ހާދިސާއެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 03:20 ހާއިރު ކަމަށާއި މިދޯނި މިހާރު ވަނީ މަޑުމަޑުން ދުއްވާފައި ގޮސް ލ. ހިތަދޫ ބަނދަރަށް ވަދެފައި ކަމަށް މައުލޫމާތު ދިނެވެ. އަދި މިހާދިސާގައި ހަރަކާތްތެރިވެފައިވަނީ ފާސްޓް އިންޓާ ސެޕްޓާ ކްރާފްޓް 'މާފަތް' ކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.

ހަތަރުވަނަ ހާދިސާއަކީ 6 މީހުންނާއެކު ދަތުރުކުރި 'ބިނާ ކާގޯ' ކިޔާ ސަޕްލައި ދޯންނެއް ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީން ހުއްޓި ދިޔަވުމެވެ. ރޭގެ 02:43 ހާއިރު ހިނގި އެ ހާދިސާއަށް ބަލާއިރު މިހާރު މިދޯނި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ދަތުރު ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ރޭ ކަނޑުމަތީ ހިނގި ހާދިސާތަކުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ފަސްވަނަ ހާދިސާއަކީ 10 މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ދޯނި ދިޔަވުމުގެ ހާދިސާއެވެ. ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދޯނި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ލ.މާމެންދޫ ބަނދަރަށް ވައްދާފައިކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 02:48 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ހަ ވަނަ ހާދިސާއަކީ 80 ފޫޓްގެ “ފާގަތި” ނަމަކަށް ކިޔާ ދޯންޏަށް ދިޔަވަމުންދިޔަ ހާދިސާއެވެ. އެ ހާދިސާއާއި ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެ ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރު ފަރުވާއަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ނިލަންދޫއަށް ގެންގޮސްދީފައިކަން އެމްއެންޑީއެފްއިން ފާހަގަކުރެއެވެ. އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި އެ ހާދިސާގެ ރިޕޯތް ލިބިފައިވަނީ 05:00 ހާއިރުއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ އިއްޔެ ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލުވެސް ނެރެފައެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މިއަދުވެސް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެގޮތުން މެޓް އޮފީހުން ލަފާ ކޮށްފައިވާގޮތުގައި ވައި ހުންނާނީ ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.