މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ ވަޑައިގަތުމުން ފުރުން މަނާކޮށް އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ތަހުގީގު ފަށައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެސިސްޓެންޓު ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑަރިންގެ މައްސަލަ ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައިގައި އޭނާ ހާޒިރު ކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ކަމަށެވެ.

މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލާފައި ވަނީ، ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެކެވެ. ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާއިރު މި ހަތް ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 22 އަހަރު ދުވަހުގެ ޖަލުު ހުކުމެއް އަންނާނެއެވެ.

މައުމޫންގެ މައްޗަށް ކުރަމުން އަންނަ 7 ދައުވާ އަކީ:

  • ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
  • ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ކުށެއް ކުރަން އެދުމުގެ ދައުވާ
  • ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
  • ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
  • ރަސްމީ ހައިސިއްޔަތުން ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

ބޮޑު އަދަދަކުން ރިޝްވަތު ނެގުމުގެ މައްސަލައެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީއިން ފޮނުވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި މައުމޫން އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން، އޭސީސީގެ ތަހުގީގަށް ހޯދިފައިވާއިރު، މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ނިންމާފައެވެ.