މޫސުން ގޯސްވެ، ކަނޑުމަތީގައި ހަ ހާދިސާއެއް ހިނގައިފައިވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއަކާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ރޭ މިފަދަ 6 ހާދިސާއެއް ހިނގާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ނަމަވެސް މި ހާދިސާތަކާއި ގުޅޭ އިތުރު ތަފްސީލު އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ އިއްޔެ ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލުވެސް ނެރެފައެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މިއަދުވެސް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެގޮތުން މެޓް އޮފީހުން ލަފާ ކޮށްފައިވާގޮތުގައި ވައި ހުންނާނީ ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.