ރަށްރަށުގައި ޖަހާފައިވާ މަގުބައްތިތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ މިންގަނޑަށް ފެއްތުމަށް ދީފައިވާ މުހުލަތުގައި މަސައްކަތް ނުނިމޭނެ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރަށްރަށުގެ ކަރަންޓުގެ ހިދުމަތްތައް ހަރުދަނާ ކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޔޫއާރުއޭ އިން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑަށް މަގު ބައްތިތައް އިސްލާހު ކުރުމަށް ފެނަކައިން ވަނީ ރަށު ކައުންސިލްތަކަށް އަންގާފައެވެ. އަދި އެކަން އިސްލާހު ކުރުމަށް 21 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ރާއްޖޭގެ 144 ރަށެއްގެ މަގުބައްތިތައް ހުރީ މިންގަނޑާ ހިލާފަށް ކަމަށް ފެނަކައިން ބުނެއެވެ.
އަދި ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން އިސްލާހު ނުކޮށްފިނަމަ، އެ ރަށެއްގެ މަގުބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަން ކައުންސިލްތަކަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
އެއާއެކު މިންގަނޑާއި ހިލާފަށް ހުރި މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް ރަޝީދާއި އިއްޔެ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާ ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވީ މަގުބައްތިތަކުގެ މައްސަލަ ހައްލު ކުރުމަށް ދީފައިވާ މުހުލަތުގައި ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން އިއްޔެގެ ބައްދަލުވުމުގައި ފެނަކައާއި ވެސް މަޝްވަރާ ކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫއަށް 85 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފެނަކައިން ލަފާ ކޮށްފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީން ފައިސާ ލިބުނު ނަމަވެސް ދީފައިވާ މުހުލަތުގައި ނުނިންމޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިއީ ނުހަނު ބޭނުންތެރި ކަމެއްކަން ހާމަ ކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ މިކަމަށް އިތުރު ވަގުތާއި ފައިސާ ބޭނުންވާ ކަމަށާއި ކައުންސިލްތަކަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމަށް އެލްޖީއޭއިން އިތުރު ކަމާ ގުޅުން ހުރި އިދާރާ ތަކާއި މަޝްވަރާ ކުރައްވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަގުބައްތިއަކުން ކަރަންޓު ޖެހި ރ. އުނގޫފާރުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން ފެނަކައިން ވަނީ ރަށްރަށުގައި ހުރި މަގުބައްތިތައް ޔޫއާރުއޭގެ މިންގަނޑުތަކަށް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓު ތަކުގެ ތެރޭގައި ހިމެނޭ އާތް ލީކް ސާކެޓް ބްރޭކާ (އީއެލްސީބީ) އަދި މިނިއޭޗާ ސާކެޓް ބްރޭކާ (އެމްސީބީ) ހަރުކުރެވިފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ވާތީ ކަމަށް ޔޫއާރުއޭއިން ވަނީ ބުނެފައެވެ.