ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރިކަން ކަށަވަރު ކޮށްދީފައި ވާއިރު، އެކަމަކު ސަބަބެއް ވިދާޅެއް ނުވެއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަނުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޒުލްފާ ވަނީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. ޒުލްފާ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓާ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރައްވާފައިވާ ޒުލްފާ ވަނީ އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލްއެލްއެމް) ވެސް ހާސިލް ކުރައްވާފައެވެ.

މީގެއިތުރުން ޒުލްފާ ވަނީ ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ.) ހާސިލްކުރައްވާފައެވެ.