ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ދެ މުވައްޒަފަކު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާ ގެ ބަންދަށް 15 ދުވަސްޖަހައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތުޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.