އިޒްރޭލުން ހަމާސްގެ ލީޑަރު އަވަހާރަ ކޮށްލުމާއި އަދި ހިޒްބުއްލޯގެ ލީޑަރަކު އަވަހާރަ ކޮށްލުމާއެކު ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމަށް ބަލައި ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ފައިބަން އެގައުމުން އަންގައިފިއެވެ.
ލުބުނާނުގެ ވެރުރަށް ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން އެގޮތަށް އަންގާފައި ވާއިރު, އިޒްރޭލުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ލުބުނާނުގައި އޮންނަ ހިޒްބުއްލޯ އާއި އަދި އީރާނުން ބުނެފައި ވެއެވެ.
ހިޒްބުއްލޯ އަކީ އީރާނުން މަދަދު ލިބޭ ޖަމާއަތަކަށް ވުމުގެ އިތުރުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ އީރާނުގެ ރައީސް ހުވާކުރައްވާ ރައްސްމިއްޔާތަށް ވަޑައިގެން އެގައުމުގައި ހުންނަވަނިކޮށް ކަމަށް ވުމުން, އޭނާމެ މަރުގެ ބަދަލު ހިފަން ދޭ އިންޒާރާއެކު އީރާނުގެ ބައިވެރިވުން ބޮޑެވެ.
ހަނިއްޔާ އަކީ ގަޒާގައި އޮންނަ ހަމާސްގެ ލީޑަރެވެ. ގާޒާގައި މިވަގުތުވެސް އިޒްރޭލުގެ ހަމަލާތަކުގައި އެތައް ކުޑަކުދިންނަކާއި އަންހެނުން އަދި ފިރިހެނުން ޝަހީދުވަމުން ދާ އިރު, ގާޒާގެ ދިފާއަށް ހަނގުރާމަ ކުރަމުން ގެންދާ ހަމާސްގެ އަތުގައި އިޒްރޭލުގެ މުގާބިލުގައި ހަމަލާ ދެވޭ ވަރަށް ހަތިޔާރެއް ނެތެވެ. ރޮކެޓާއި ބަޑިން ދޭ ހަމަލާތަކެއް ފިޔަވައި ހަމާސްގެ އަސްކަރީ ގާބިލުކަމާއި ހިޒްބުއްލޯ އާ އަޅާކިޔާއިރު, ހިޒްބުއްލޯ އަކީ މިސައިލާއި, ޑްރޯން ފަދަ ވަސީލަތްތައް ވެސް ހުރި ޖަމާއަތެކެވެ.
ހުޅަނގާ ބައިވެރިވާ އުރުދުން އިން ވެސް ވަނީ, ލުބުނާނުގައި ތިބި އެގައުމުގެ ރައްޔިތުން ފޭބުމަށް އަންގާފައެވެ. ކެނެޑާ އިންވެސް ވަނީ, ލުބުނާނާއި އިޒްރޭލަށް ދަތުރު ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.
އިޒްރޭލުގެ ހަމަލާގެ ބަދަލު ހިފަން އީރާނުން ތައްޔާރުވަމުން ގެންދާ އިރު, އިޒްރޭލުންވެސް ދަނީ, ހުޅަނގުގެ އެހީތެރިކަމާއެކު އެފަދަ ހަމަލާއަކުން ދިފާއު ވުމަށާއި އެފަދަ ހަމަލާއެއް ދީފި ނަމަ މުޅި ލުބުނާއި އީރާން ތަޅާ ފުނޑުފުނޑު ކޮށްލުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި މިސައިލުން ދިފާއުވާ ނިޒާމުތައް އިޒްރޭލާ ކައިރިއަށް ގެންދަމުން ދާ އިރު, އިޒްރޭލަށް އެހީތެރިވުމަށް އިތުރު ސިފައިން ވެސް ދަނީ ފޮނުވަމުންނެވެ.
އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތަކުގައިވެސް މި ދެގައުމުގެ އިތުރުން ފްރާންސުންވެސް އެހީތެރިވަމުން އަންނަ އިރު, އިޒްރޭލާއެކު ހަރަކާތްތެރިވާ ފައުޖުތަކުގެ އަދަދު 5000 އަށް އަރައެވެ.
އީރާނުން އިޒްރޭލަށް ހަމަލާ ދޭނީ ކޮން ވަގުތަކުކަން އަދި ނޭނގުނަށް އެމެރިކާގެ އިންޓެލިޖެންސް އިން ބުނަނީ, އެފަދަ ހަމަލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ އެ ހަމަލާ ދޭނެ ކަމަށެވެ.