މާލެ ސަރަހައްދުގައި ދިރިއުޅެން އުނދަގޫވާ ވަރަށް ޓްރެފިކް ހާލަތު ގޯސްވީ ކުރީ ސަރުކާރުތަކުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ޓްރެފިކް ހާލަތަށް އަލިއަޅުއްވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅުމަށް އުނދަގޫވާ ވަރަށް މިހާރު ޓްރެފިކް މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި އަމީން ފާހަގަކުރައްވާފައި ވަނީ ނިމިދިޔަ ސަރުކާރުތަކުން ގަވާއިދާ ހިލާފަށް ގަރާޖް ސިޓީގެ ލިޔުންތައް ދޫކުރުމާއި، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާމެދު ފިޔަވަޅެއް ނޭޅުމެވެ. އަދި މާލެއާއި ހުޅުމާލޭގެ މަގުތައް ގޮނޑަކަށްވާން ކުރީ ސަރުކާރުތަކުން ދޫކޮށްލާފައިވާކަން އެންމެންނަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މި މައްސަލައަށް ކަނޑައެޅިގެންވާ ވަކި ހައްލެއް ނެތް ނަމަވެސް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިކަމާ ގުޅިގެން ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ.

އަމީން މިފަދައިން ވިދާޅުވެފައި ވާއިރު، ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ޕާކުކޮށްފައި އޮތް 10 ސްޕޯޓްސް ކާރު ފުލުހުން ވަނީ އިއްޔެ ޓޯކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ޓޯ ކޮށްފައި ވަނީ މާލެ ފިޔަވާ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ކާރުތަކެކެވެ.

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު، މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތެކެވެ.