އިންޑިއާއިން ކާޑުގެ ބާވަތްތަކާއި އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ބޭނުން ކުރެވޭ ބަނދަރުތަކުގެ ލިސްޓަށް އިތުރު ދެ ބަނދަރު ލައިފިއެވެ.
އެކަން އިއުލާންކޮށްފައި ވަނީ އިންޑިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ނެރުނު ބަޔާނެއްގައެވެ. މީގެ ކުރިން މުދާ ރާއްޖެއަށް މުދާ ގެންނަމުން ދިޔައީ މުންދުރާ ސީ ޕޯޓް، ޓްޓިކޮރިން ސީ ޕޯޓް، ނިހަވާ ޝިވާ ސީ ޕޯޓް އަދި އައިސީޑީ ތުގްލަކަބާދު ޕޯޓު މެދުވެރިކޮށެވެ.
ނަމަވެސް ރާއްޖެއަށް އެ ގައުމުން މުދާ ބޭރުކުރުމަށް ކަންޑަލާ އާއި ވިޝާކަޕަޓްނަމް ޕޯޓު އިތުރުކޮށް، ޖުމްލަ ހަ ބަނދަރަކުން މުދާ ގެނެވޭނެ މަގު އިންޑިއާއިން މިވަނީ ފަހިކޮށްދީފައެވެ.
މިދިޔަ އޭޕްރީލް މަހު އިންޑިއާއިން ވަނީ ރާއްޖެއަށް އެތެރެ ކުރެވޭނެ ބާވަތްތަކުން ކޯޓާވެސް އިތުރު ކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހިލަވެއްޔާއި ރިވާ ސޭންޑް އިން 25 މެޓްރިކް ޓަނު އިތުރުކޮށްދީ ޖުމްލަ 100,000 މެޓްރިކް ޓަނަށް ވަނީ ހަދައިދީފައެވެ.
ބިހާއި އަލުއްވާއި ފިޔާ އަދި ހަކުރާއި ހަނޑޫ އަދި ފުށުން ވަނީ 5 ޕަސެންޓް އިތުރު ކޮށްދީފައެވެ. މިތަކެތީގެ ތެރެއިން ހަނޑޫ ހަކުރު އަދި ފިޔާ އަކީ އެތަކެތި އުފެއްދުމުގައި އިންޑިއާއަށް ދިމާވި ތަދުމަޑުކަމުގެ ތެރޭގައިވެސް ރާއްޖެއަށް އެތެރެ ކުރަން ހުއްދަ ދިން ތަކެއްޗެވެ.
މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު 1981 ވަނަ އަހަރު ހަދާފައިވާ "އެގްރީމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން"ގެ ދަށުން އެޕްރޫވްކޮށްފައިވާ އެންމެ ބޮޑު ކޯޓާއެވެ.
އިންޑިއާއާ އަވަށްޓެރި އަދި ގާތް ގައުމުތަކަށް އަސާސީ މުދާ ބޭރުކުރަން ހުއްދަ ދެނީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުންނެވެ.