ޗައިނާގެ ޒިއަމެން އެއަރލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.
ޒިއަމެން އެއާލައިންސް އިން ރާއްޖެއަށް ހަފްތާއަކު 3 ޝެޑިއުލް ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ.
މި އެއާލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓާ ދަތުރުތައް ވަނީ ކޮށްފައެވެ.
ޒިިއަމެން އެއާލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓާކޮށް ދަތުރު ކުރަމުން އައި މި އެއާލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ޒިއަމެން އެއާލައިންސް ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތަކަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ދަތުރުތަކެއްކަމަށެވެ.
"މިއަހަރުގެ ކުރީކޮޅު ވިޒިޓް މޯލްޑިވްސްއިން ވަނީ ޒިއަމެން އެއާލައިންސްގެ ފްލައިޓް MF801 އިން ޗައިނާގެ ފުޖިއާން ޕްރޮވިންސުން ފުރަތަމަ ސީދާ ފްލައިޓް ރާއްޖެ އައުމުގެ އުފާ ފާޅުކޮށްފަ. އަޅުގަނޑުމެން އުންމީދު ކުރަނީ މި އާ ފްލައިޓްތަކުގެ ސަބަބުން ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑަށް އިތުރުވެ، ރާއްޖޭގެ އިޤްތިސާދު ފުޅާވެ، ފަތުރުވެރިކަމުގެ ސިނާއަތަށް އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް." ޝިއުރީ ވިދާޅުވިއެވެ.
ޗައިނާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް، ޗޮންޗިން އެއާލައިންސް އަދި ޗައިނާ އީސްޓާންއެވެ.