މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޒަކާތު ފަންޑަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށާއި، އަމާޒަކީ އަހަރު ނިމޭ އިރު މި އަދަދު ދެގުނަ ކުރުން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މިނިސްޓަރު ވަނީ ސަރުކާރުން ގާއިމުކޮށް އަދި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ދާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މައުލޫމާތާ، ފައިދާތައް ހިއްސާކުރައްވާފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ޒަކާތާބެހޭ ކަންކަމަށް ހާއްސަކޮށްގެން ވަކި އިދާރާއެއް ވުޖޫދަށް ގެނައުމަކީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ފުޅާކޮށް ފުރިހަމަކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.

ޒަކާތު ހައުސްގެ މަސައްކަތްތައް ވަރަށް ތަރުތީބުކޮށް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް އައި އިރު ޒަކާތުގެ ކަންތައްތަކަށް އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ޒަކާތު ފަންޑަށް ބައި މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޒަކާތު ހައުސްއަކީ ދިވެހިން ފަހުރުވެރިވާ ފަދަ މުވައްސަސާއަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.