ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުން ކުރާ ޑިވައިސް ތަކަށް ޑިއުޓީ އިނާޔަތްތައް ދޭން ކުރިން ކަނޑައެޅި ތާރީހު ފަސްކޮށް އަންނަ ނޮވެމްބަރު މަހުގެ 1 އިން ފަށަން ކަސްޓަމްސް އިން ނިންމައިފިއެވެ.

ކަސްޓަމްސްގެ އާންމު ގަވައިދަށް ގެނައި އިސްލާހުގެ ދަށުން މި ބަދަލަށް މީގެ ކުރިން އަމަލު ކުރަން ފަށާނެ ކަމަށް ބުނެފައި ވަނީ އޮގަސްޓް 1 އިން ފެށިގެނެވެ. ނަމަވެސް އިއްޔެ ކަސްޓަމްސް އިން ބުނެފައި ވަނީ ދުންފަތާއި ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެ ބާވަތްތައް ބޭނުން ކުރަން ބޭނުން ކުރާ ޑިވައިސްތަަކަށް ނަގާ ޑިއުޓީގެ އިނާޔާތްތައް ކަނޑާލާ ދުވަސް ފަސްކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ގެނައި އިސްލާހުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލާ ބާވަތްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕްކުރަން ގެންގުޅޭ ސާމާނާއި އެނާޖީ ޑްރިންކާއި އެއްގަމު އުޅަނދުފަހަރު ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒް ވިދާޅުވެފައި ވަނީ، ރާއްޖެއިން ސިއްހަތާ ގުޅުންހުރި ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސޮއިކޮށްފައިވާ ކަމަށާއި، ދުންފަތުގެ ބާވަތްތަކަށް އިސްތިސްނާއެއް ދިނުމަށް އެ މުއާހަދާތަކުގައި ބާރުނާޅާ ކަމަށެވެ. އެހެންކަމުން ދުންފަތުގެ ބާވަތްތަކަށް ދެމުން ދިޔަ އިނާޔަތް ކަނޑާލަން ނިންމީ ކަމަށެވެ.

ރާއްޖޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. ސިނގިރޭޓް ބޯ މީހުންގެ އިތުރުން ޒަމާނީ ވަސީލަތެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު އަންނަނީ ވޭޕް އަދި ޝީޝާ ބޭނުން ކުރަމުންނެވެ. މީގެ ތެރޭގައި ވޭޕް ކުރާ ކުޑަކުދިން ރާއްޖެއިން ފެންނަމުން އަންނަ ކަމީ ވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ހެލްތް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

އަަހރެއްގެ މައްޗަށް ސިނގިރޭޓް ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދާވާ އިރު، އަހަރެއްގެ މައްޗަށް ރާއްޖެއަށް 400 މިލިއަން ސިނގިރޭޓް އެތެރެ ކުރެއެވެ.