ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ހަރަދު ކުޑަކުރުމަށް އީ-ވޯޓިން ތައާރަފް ކުރުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ލަފާދެއްވައިފިއެވެ.

މައުރޫފް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭ ގޮތުން ބަހުސްކުރައްވަމުންނެވެ.

މައުރޫފް ވަނީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ވޯޓު ފޮށި ބަހައްޓައިގެން، އުނދަގޫ އަދި ހަރަދު ބޮޑު ގޮތަކަށް އިންތިހާބުތައް ބޭއްވުމުގެ ބަދަލުގައި އީ-ވޯޓިންގެ ނިޒާމު ތައާރަފްކުރުމަށް ގޮވާލައްވާފައެވެ. ޓެކްނޮލޮޖީގެ ބޭނުން ހިފައި، އީ-ވޯޓިންގެ ނިޒާމް ތައާރަފްކޮށް އިންތިހާބުތަކުގައި ވޯޓު ލެވޭނަމަ އިންތިހާބުތަކުގައި ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ބައި-އިލެކްޝަންތަކުގައި ވޯޓުލާ ރައްޔިތުންގެ އަދަދު މަދު ނަމަވެސް، އިންތިހާބު ބާއްވަން ސަރުކާރަށް ލާޒިމްވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ދައްކާލުމަށް ރައީސް އަންގަވާ ކަމަށް ވެސް މައުރޫފް ވަނީ ތުހުމަތުކުރައްވާފައެވެ.

އެހެންކަމުން "ލާރިއަޅައިގެން" ވެސް އިންތިހާބު ކާމިޔާބު ކުރަން މަޖުބޫރުވާ ކަމަށާއި މި ކަމުގެ ސަބަބުން ސަރުކާރުން ކުރަންޖެހޭ ހަރަދު ބޮޑުވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު މިހެން މި ދަންނަވަނީ ވަޓްސްއަޕް ގްރޫޕުތަކުން ލީކުވާ ޗެޓްތައް އަޅުގަނޑުމެންނަށް ފެންނާތީވެ، އެކަން އެގޮތަށް ހިނގާފައި ހުރި މަންޒަރު ފެންނާތީ
މައުރޫފް

މައުރޫފް ވިދާޅުވީ ވޯޓުލާން ދިއުމަށް މިއަދުގެ ޒުވާނުން (ޖެން-ޒީސް) އެއްގޮތަކަށް ވެސް ޝައުގުވެރިކަން ނުހުންނަ ކަމަށެވެ. އެހެންކަމުން، މި ޑިމޮކްރެޓިކް ޕްރޮސެސް ޕްރެކްޓިސް ކުރުމުގެ ބަދަލުގައި އިންތިހާބުތައް ނުބާއްވަން ނިންމައިފިނަމަ، އެއީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ހަރަދުބޮޑުކަމަކަށްވެގެން އިލެކްޝަންތައް ނުބޭއްވުން އެއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ގަރުނުގައި ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބާރު ސްޕީޑްގައި ކަންކަން ކުރިއަށް ގެންދަން ބޭނުންނަމަ މިފަދަ އިސްލާހުތައް ނުގެނެސް އީ-ވޯޓިން ތައާރަފް ކުރަންޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ޕީއެންސީއިން ފަރިތަ ނިޒާމެއް ނޫން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް ފަރިތަ ފަރާތްތަކުން ބައި-އިލެކްޝަންސްތައް ނުބާއްވާން އަދި ކައުންސިލަރުންގެ އަދަދު މަދުކުރަން ބޭނުން ނުވާ ކަމަށެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ މި ނިޒާމް ޕްރެކްޓިސްކޮށް އިތުރަށް އަހުލުވެރިވާން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.