މި ސަރުކާރުން ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅަކުން އެއްވެސް ރައްޔިތަކަށް ދެރައެއް ނުވަތަ ގެއްލުމެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ ގައި ނާޒިމް ވަނީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ މިހާރު އަޅުއްވަމުން ދަނީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގެން ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއް ކަމަށެވެ. އެހެންނަމަވެސް އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ގޮތެއްގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައިގަކަން ފާހަަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިހާރު ހުރިހާ ދާއިރާއަކުންވެސް ފެންނަނީ އެ މަންޒަރުކަމަށެވެ. އެހެންކަމުން އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުންކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އެޅި ނަމަވެސް ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ލިބިގެންދާނެކަމަށާ އަދި ހިދުމަތްތައް އެންމެ ބޭނުންވާ ފަރާތްތަކައް ލިބޭ ގޮތަށް ބަޖެޓުގެ ކަންތައްތައްވެސް ހަމަޖެހިގެން ދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އިތުރަށް ނާޒިމް ވިދާޅުވީ އެންމެ އަވަހަށް ނިންމެން އޮތް މަޝްރޫއުތައް ނިންމޭނެ ގޮތަށް ކަންކަން ފަހިކޮށްފައިވާނެކަމަށެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ މި ސަރުކާރުން ގެންދަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކުރަން ނުކެރުނު އެތައް މައްސަލައެއް ހައްލުކުރަމުން ކަމަށެވެ. އެގޮތުން ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާ މަންޒަރު މިހާރު ފެންނަމުންދާއިރު، ޖުޑިޝަރީ އިސްލާހުކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންކަމުގައިވާ ޖުޑިޝަލް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދުލު އިންސާފު ގާއިމު ކުރުން ލަސްވަމުންދާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ދުވަސްތަކެއްކަން ފާހަގަކުރައްވަމުން ނާޒިމް ވަނީ ނުނިމި ހުރި މައްސަލަތަކުގެ ބައެއް އަދަދުތައް ހާމަކުރައްވާފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ މަދަނީ ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވިއިރު 4000 އެތައް މައްސަލައެއް އެބައޮތް ކަމަށެވެ. އަދި އެންމެ މަދުން މައްސަލަ އޮތް ފަނޑިޔާރު އަތުގައިވެސް 112 އެބައޮތްކަމަށް ކަމަށާއި އެންމެ ގިނަ މައްސަލަ އޮތް ފަނޑިޔާރު އަތުގައިވެސް ފަސްސަތޭކަ އެތައް މައްސަލައެއް އެބައޮތް ކަމަަށެވެ. އެހެންކަމުން މަޖިލީހުގެ ފަރާތުން ޖަވާބުދާރީ ކުރުވި މި މައްސަލަތައްވެސް އަވަސްވެގެން ދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.