މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިހާތަނަށް އަމަލީ މަސައްކަތް ނުފަށާ ހުރި މަޝްރޫއުތައް މަޑުޖައްސާލުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ ކުންފުންޏަށް އަންގައިފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާކަމަށެވެ. އެހެންނަމަވެސް ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި މަޑުޖައްސާލުމަށް އަންގާފައި ވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އިތުރަށް މުއްތަލިބު ވިދާޅުވީ އެމްޓީސީސީ އިން އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައި ވާކަމަށެވެ. މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވުން ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައިހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ 60 ޕަސެންޓު މަސައްކަތް ހިންގަނީ އެމްޓީސީސީ އިންނެވެ. އެގޮތުން އޭރު އެމްޓީސީސީވެފައިވަނީ ސަރުކާރުގެ މަޝްރޫއުތައް ޑައިރެކްޓް ބިޑިން އުސޫލުން އެންމެ ގިނަ މަސައްކަތް ހަވާލުކޮށް ކުރަމުންދާ ކުންފުންޏަށެވެ. 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެމްޓީސީސީ އިން . ޑައިރެކްޓް ބިޑިން އުސޫލުން ޖުމްލަ 135 މަޝްރޫއެއް ހަވާލުކޮށްފައިވާއިރު މި މަޝްރޫއުތަކުގެ ޖުމްލައަގު 5.7 ބިލިއަން ރުފިޔާއަށް އަރައެވެ.