ކުރީ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ރަށްތަކުގައި ގާއިމު ކުރަމުން ދިޔަ އިންޖީނުގެތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ އިސްކަންދޭ ތަރުތީބެއް ނެތި މަސައްކަތް ކުރުމުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނަކައިން ރަށްރަށުގައި އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯރިގް ވިދާޅުވީ އިންޖީނުގެތައް އެޅުމުގައި އިސްކަންދޭ ވަކި ރަށްތައް ކަނޑައަޅާފައި ނެތުމުގެ ސަބަބުން އެއްވެސް ތަރުތީބެއް ނެތި އެ މަސައްކަތް ކުރިއަށް ގެންދިޔުމުން މިހާރު ގިނަ ރަށްތަކުގެ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައިވާކަމަށެވެ. އޭރުގެ ފެނަކައިގެ ވެރިން އެ މަސައްކަތްކުރަމުން ދިޔައީ އެއްވެސް ޕްލޭނެއް ނެތިކަން ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވީ ރަނގަޅު ޕްލޭނެއްގެ ދަށުން ކުރިނަމަ މިހާރު އެ މަސައްކަތްތައް ހުންނާނީ ނިމިފައި ކަމަށެވެ.

މީގެ އިތުރުން ތޯރިގް ވިދާޅުވީ ކުރީ ސަރުކާރުން ރަށްރަށުގައި އިންޖީނުގެތައް އެޅުމަށް ބުނެ އެތައް މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އެގޮތުން ހދ.ކުޅުދުއްފުށީ އިންޖީނުގެއަށް ފެނަކައިން 45 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިމާރާތުން ފެންނަން ހުރީ ހަތަރު ފާރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުޅުދުއްފުށީ އިންޖީނު ގޭގެ މަސައްކަތަކީ 15 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވީ ފަހުން ފެނަކައިން އެ މަޝްރޫއު ނެގުމަށްފަހު އެ ކުންފުނިން އިންޖީނުގޭގެ މަސައްކަތް ފަށާފައިވަނީ 30 މިލިޔަން ރުފިޔާއަށް ކަމަށެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ އިންޖީނުގޭގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ ގދ. މަޑަވެލީގައި 26 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިންޖީނުގެ އަޅަން ކޮނެފައި އޮތީ ހަމައެކަނި ވަޅުގަނޑެއް ކަމަށެވެ. އަދި މި މަޝްރޫއުތަކުގެ އޮޑިޓް ހަދައި މައްސަލަތައް ބައްލަވާނެކަމަށް ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ތޯރިގް ވިދާޅުވީ މި ސަރުކާރުން އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެންމެ ބޭނުންވާ ސަރަހައްދުތައް ބަލައިގެން ފެނަކަ އާއި ހަވާލުކޮށްގެން އިންޖީނުގޭގެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.