މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު އަންނަ އޮކްޓޯބަރު މަހު އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
ހައިދަރު މިފަދައިން ވިދާޅުވީ މިދިޔަ ސަރުކާރުން ގެޒެޓްކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހައުސިން މިނިސްޓްރީގެ ވެރިން މިއަދު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ފްލެޓް ލިސްޓު އުވާލަން ސަރުކާރުން ގަސްތު ކޮށްފައި ނުވި ނަމަވެސް ފްލެޓްތައް ހަވާލު ކުރާނީ ލިސްޓު ރިވިއުކޮށް، އޭގެ ހައްގުވެރިން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
އަދި ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް އެ ލިސްޓު ރިވިއުކޮށް ނިމޭނެކަން ފާހަގަ ކުރައްވާ އިތުރަށް މިނިސްޓަރު ވިދާޅުވީ ފްލެޓްތައް ހޮވޭ ފަރާތްތައް އިއުލާންކޮށް ފައިނަލް ލިސްޓު ގެޒެޓްކުރައްވާނެ ކަމަށެވެ.
މި ސްކީމްގެ ދަށުން ދޫކުރާ 17-18 ބުރީގެ 32 ޓަވަރު އަންނަނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަމުންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެގައުމުގެ 2 ކުންފުންޏެއް ކަމަށް ވާ ޖޭއެމްސީ އާއި އެންބީސީސީ އަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ގިނަ މައްސަލަތައް ފާހަގަވެ މި ސަރުކާރުން އޭސީސީ އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިޝަނުންވެސް ވަނީ މައްސަލަ ތަހްގީގުކޮށްފައެވެ. އަދި ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.