މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައެޅުމަށް، އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަގައި އެ ކުންފުންޏާ ދެކޮޅަށް ނިމިއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކުންފުނިތަކުން މައުލޫމާތު ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އެމްޓީސީސީ އިން އެންމެ ފުރަތަމަ އެ ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ބައި ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަވެސް ނިމިފައިވަނީ އެމްޓީސީސީއާ ދެކޮޅަށެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައެވެ.

އެ ގޮތުން އެމްޓީސީސީ އިން ހުށަހެޅި މައްސަލައިގައި ވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ ދައުލާތުގެ އިދާރާތައް 'މާނަކޮށްފައިވާ' ފުޅާ ދާއިރާއެއްގައި ގަވާއިދުގައި 'މާނަކޮށްފައިވާ' ކަމަށާއި އެ ގޮތަށް މާނަ ކުރުމުގެ ބާރެއް އިންފޮމޭޝަން ކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ.

މިއަދު ސްޕްރީމް ކޯޓުން މި މައްސަލައިގައި ކުރި ހުކުމްގައި ބުނެފައިވަނީ ގާނޫނުގެ އެ މާއްދާގައި ބަޔާންކުރާ ތަންތަނުގެ ތެރޭގައި ދައުލަތުން މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ހަވާލުކޮށްފައިވާ ކޮންމެ ތަނަކާ، ދައުލަތުގެ ބަޖެޓު ނުވަތަ ބަޖެޓުން އެހީއެއް ލިބިދޭ ކޮންމެ ތަނެއް ހިމެނޭ ކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި އަދި ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާފައިވާ ގިނަ ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބައެއް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ތަކުލީފަކަށް ނުވާ ގޮތަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން ކޯޓުން ކުރި ހުކުމުގައިވަނީ ގާނޫނުގެ މައި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަށް، ދައުލަތުގެ މަސްއޫލިއްޔަތެއް އުފުލާ ތަންތަނާ، ބަޖެޓު ލިބިދޭ ތަންތަނާ، ބަޖެޓުން އެހީ ލިބިދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ލިސްޓުކޮށް އެ ކޮމިޝަނުން އެކުލަވާލާ ގަވާއިދެއްގައި ހިމެނުމަކީ ކުރެވޭނެ ކަމެއް ކަމުގައި ކަނޑައަޅާފައެވެ.