ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒްގެ ވަކި ކޮށްފިއެވެ.
ދައުރުގެ ބާކީ އޮއްވާ އޭނާ މަގާމުން ވަކި ކުރި ސަބަބު ސާފެއް ނުވެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ނައިބު ރައީސްކަމަށް އޭނާ އައްޔަން ކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ފިރާޒު އެ މަގާމަށް ހޮވީ ނައިބު ރައީސަކަށް ކުރިން ހުންނެވި އާސިމް މުހައްމަދު އެ ބޯޑުގެ ކުރީގެ ރައީސް ހަސަން ވަހީދު، ގދ. ތިނަދޫ/ކުދިމާގެ އިސްތިއުފާ ދެއްވުމުން ރައީސަކަށް ހަމަޖެއްސުމާއެކު އެވެ.
މި ސަރުކާރުން ވަނީ އާސިމް ވަކިކޮށް ޕީސީބީގެ ރައީސްގެ މަގާމަށް މިދިޔަ ނޮވެމްބަރު މަހު ހަމްދީ އަގީލް ހަމަޖައްސައި އިތުރު 6 މެންބަރުން އައްޔަން ކޮށްފައެވެ.
"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ފިރާޒް ވަނީ އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށާއި މަގާމުގައި ހުންނެވި ދުވަސްވަރު އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އޭނާ ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. ސަރުކާރުގެ އިތުރު މަގާމެއް ހުށަހަޅާފައިވޭތޯ މި ނޫހުން ސުވާލު ކުރުމުން ފިރާޒް ވިދާޅުވީ، މިހާތަނަށް އެ ކަހަލަ އެއްވެސް ހުށަހެޅުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ޕީސީބީގެ ނައިބުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ފިރާޒް އަށް ކުރިއެވެ. ނަމަވެސް އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން އޭނާ އޭރު ވިދާޅުވީ ސިޔާސީ އެއްވެސް ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވެ، މީޑިއާ އާއި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެއްވެސް ސިޔާސީ އެޖެންޑާއެއް ޕްރޮމޯޓް ކުރައްވާފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕޮރަޓައިޒް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުން، ޕީސީބީގެ ރައީސާއި ނައިބު ރައީސް އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ވެގެން ނުވާނެއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ. ޕީސީބީ އަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމު ލިބިގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.
ޕަޕެޓުން ލައިގެން ދައުލަތުގެ ފައިސާ ބަހާތަނެއް ޕީސީބީއަކީ - ފިނޭންސް މިނިސްޓްރީގެ ޕީއެސް ގެ އަރިސް މީހުންނާއި ސިޔާސީ މީހުން ބޯޑުތަކަށް ލައިގެން 60000 މަތިން މަނީ ލޯންޑާ ކުރާތަނެއް - ދިވެހިން ހޭ އަރަން ވެއްޖެ މިހާރު