މި ސަރުކާރުގެ އަމަޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުންކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި ތިން ޕްރޮސެސިން ފެކްޓޮރީއެއް ގާއިމް ކުރުމަށްޓަކާ ޗައިނާގެ ކުންފުންޏަކާ އެކު މިހާރު މަސައްކަތް ކުރަމުން ދާކަމަށާ އޭގެ ތެރޭގައި ފެލިވަރު މަސް ފެކްޓަރީއެއްވެސް ހިމެނޭ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން މިފްކޯއަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށާ، ފ.ނިލަންދޫ ފެކްޓްރީއިން 100 ޓަނުގެ މަސް އަދި ގދ.ފިޔޮރީ ފެކްޓްރީއިންވެސް 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ނިމުމުން ސަރުކާރުގެ އިސްނެގުމާއެކު ޕްރޮސެސްކުރެވޭ މަސް 300 ޓަނަށް އިތުރުކުރެވިގެން ދާނެކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެންސިސް އަދި ހޮރައިޒަން ހިމެނޭގޮތަށް ސަރުކާރުން އިތުރުކުރާ ކެޕޭސިޓީއާއެކު 81،000 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރާއްޖެއިން ބާނަނީ ގަތްގަނޑަކަށް 130،000 ޓަނުގެ މަސް ކަމަށާއި އެހެންކަމުން 81،000 ޓަން، ޕްރޮސެސްކޮށްގެން ބޭރުކުރުމުން މަހުން ލިބޭ އާމަދަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެެވ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމަޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން ކަމަށާއި އެކްސްޕޯޓު ކުރާ މަސް ދަޅުމަހުގެ ގޮތުގައި އެކްސްޕޯޓު ކުރުން ކަމަށެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރުތަކުގައި ވެސް ބާނާ މަސް ދުނިޔޭގެ ބާޒާރުގައި ކޮންމެ އަގެއްގައި ހުއްޓަސް ބޭރު ކުރަން ޖެހޭކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ކޯލްޑް ސްޓޯރޭޖްތައް ގާއިމު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.