ދިވެހިރާއްޖޭގެ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވި އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އަދުލު އިންސާފު ޔަގީންވާނެކަމުގެ އިތުބާރުކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ އެމަނިކުފާނުގެ ޒައާމަތުގައި ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރައްވާ، ރާއްޖޭގެ މިިނިވަންކަމާ ސިޔާދަތު ރައްކާތެރިކުރަނެކަމުގެ ޔަގީންކަން ދެއްވާފައެވެެ.

ރައީސްގެ ވާހަކަފުޅަށް އަލިއަޅުއްވަމުން އަބްދުއް ރަހީމް ވިދާޅުވީ މިނިވަން ދުވަހު، ރައީސް ރައްޔިތުންނަށް ދެއްވި އިތުބާރަކީ ދިވެހީން އެދޭ ދިވެހީންގެ ރާއްޖެއެއް ބިނާކޮށް ދެއްވާނެކަމުގެ ޔަގީންކަން ކަމަށެވެ. އަދި 'އެ ރާއްޖޭގައި' ތަފާތުކުރުމެއްނެތި ހަމަ ކޮންމެ މީހަކަށްމެ އަދުލު އިންސާފު ޔަގީންވާނެކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ވާހަކަފުޅުން ފުދުންތެރި ދިރިއުޅުމެއް ލިބިގެންދާނަކަމުގެ އިތުބާރު ދެއްވިކަމަށެވެ. އަދިގެއްލިފައިވާ ގައުމާއި ރައްޔިތުންގެ ހައްގުތައް ހޯއްދަވައި ދެއްވާ ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާ،އޭގެ އެންމެ ފުރިހަމަ މާނައިގައި މިނިވަންކަން ކަށަވަރުކޮށް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތްކަމަށާއި އެކަން މިހާރު ހާސިލު ކުރެވިފައިވާކަމަށެވެ.