ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތްކަމަށާއި އެކަން މިހާރު ހާސިލު ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން މިހާރު ރާއްޖޭގައި ޔުނިފޯމް ލައިގެން ވެސް އަދި ނުލައި ވެސް ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެހެން ވިދާޅުވެފައި ވާ އިރު މިހާރު އިންޑިއާއައުޓް ކެމްޕެއިންގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދަވަނީ ޔުނިފޯމް ނުލައިވެސް ތިބީ އިންޑިއާގެ ސިފައިން ކަމަށާއި އެމީހުންގެ ނަންތައް ގޫގުލްގައި ޖަހާލީމައި އެއީ ކޮންބައެއް އަދި ކޮން ރޭންކެއްގެ ކާކުކަން ފެންނަން އޮންނާނެ ކަމަށެވެ.
ޔާމީން އެހެން ވިދާޅުވި އިރު، މިވަގުތު ރާއްޖޭގައި ތިބި މަދަނީ މީހުންގެ ވަނަވަރެއް އެއްވެސް ފަރާތަކުން [ރާއްޖެއިން ވެސް އަދި އިންޑިއާއިންވެސް] ހާމަކޮށްފައެއް ނުވެއެވެ. އެހެން ކަމުން ޔާމީން އެ ވިދާޅުވާ ވާހަކަ 'ދަ ޕްރެސް' އަށް ވެރިފައި [ޔަގީން] ކުރެވިފައެއް ނުވެއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތް ކާމިޔާބު ކަމާއެކީ ނިންމާލެވި ފައިވާ ކަމަށާއި، މިހާރު ރާއްޖޭގައި ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމުތަކުގައި ތިބި މިލިޓަރީ މީހުން ގެންގޮސް، މަދަނީ މީހުން ބޭނުން ކޮށްގެން މިހާރު އެ ޕްލެޓްފޯމުތައް ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެގޮތުން މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށިފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް ރޭ ދަތުރުކޮށްފައިވާކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަގީންނުވާކަން ފާހަގަކުރައްވައި ރައީސް ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫއޭވީގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ކޯސްޓްގާޑު ދެގުނައަށް ފުޅާކުރުމުގެ މަސައްކަތްވެސް ފެށުމުގެ މަރުހަލާގައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.