އާރުޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި އެ އަތޮޅުގެ މަނަދޫގެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދުގެ އިތުރުން ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، އާރުޓީއެލް ފެރީގެ ހިދުމަތްދޭއިރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އަދި އާރުޓީއެލް ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ސަލާމަތީގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، އަރާމުގައި އާންމުންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
- ހަފްތާއަކު ހަތް ދުވަހު، ތިން ރޫޓަކުން ދެ ސްޕީޑް ފެރީ ދަތުރުކުރާނެ
- އަގުތައް ހުންނާނީ އެކަށީގެންވާ އަގެއްގައި، ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ގެންދާނެ
- މުސްތަގްބަލުގައި ކައިރި އަތޮޅުތަކަށް ހިދުމަތް ފުޅާވެ، އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރެވޭނެ
ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް، ނަން ނޯޓުކުރާ ފަރާތްތަކަށް ވަކި ރޫޓުތަކެއްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އާރުޓީއެލްގެ ހިދުމަތް ދޭން އެމްޓީސީސީން ބޭނުންކުރާ ފެރީތަކުގެ ބައެއް ސިފަތައް:
- 50 މީހުންގެ ޖާގައިގެ، 30 ނޯޓިކަލް މޭލަށް ދުއްވޭ ފެރީތަކެއް
- ފުރޮޅުލީ ގޮނޑިތަކުގައި ތިބޭ މީހުންނަށް ހާއްސަ ދެ ޖާގައެއް
- ފާހާނާތަކުގައި ޔުނިވާސަލް އެކްސެސިބިލިޓީ ފީޗާތައް ހުރޭ
އާރުޓީއެލްގެ ހިދުމަތް މިހާރު ދެމުން ގެންދަނީ ތިލަދުއްމައްޗާއި، ށ. އަތޮޅާއި، ޅ. އަތޮޅާއި، ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައެވެ.