މާލެ ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޮލް ފީއެއް ނަގަން ފަށަން އުޅޭކަމުގެ ހަބަރުތައް ފެތުރިގެން ގޮސްފައިވާ މި ދަނޑިވަޅުގައި، ގައުމުގެ ހާލަތު ރަނގަޅު ވުމުގެ ކުރިން ޓޮލް ނަގަން ނުފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގެ މަގުތައް އަމާންކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލި "މާލެ ފަހި" ޕްރޮގްރާމުގައި ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމު ގާއިމްކޮށް ފީއެއް ތައާރަފްކުރަން ހިމަނާފައި ވަނީ ދިރާސާއެއް ކުރުމަށް ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ބްރިޖް އިން ޓޮލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން ޓޮލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޮލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން
ރައީސް ޑރ. މުއިއްޒު

ސަރުކާރުން އެކުލަވާލި "މާލެ ފަހި" ޕްރޮގްރާމުގެ ފޮތުގައި ލިޔެފައިވާ ގޮތުން ޓޮލް ފީ ނަގަން ނިންމި ސަބަބަކީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެފަދަ ފީއެއް ނެގުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒު ކުރުމަށެވެ. ނަމަވެސް މިކަން ކުރަން ފަށަން ނިންމާފައިވާ ތާރީހެއް ނުވަތަ ނަގާނީ ކިހާވަރެއްކަން އެ ފޮތުގައި ބަޔާންކޮށްފައެއް ނެތެވެ.

މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ބްރިޖުން ޓޮލް ނެގުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ޗައިނާގެ ހިލޭ އެހީއާ ސަރުކާރުން ހަރަދުކޮށް އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ވެސް ޓޮލް ނަގަން ޕްލޭން ކޮށްފައިވާކަމަަށެވެ. މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ނުދެއްކޭނެވަރު ބޮޑު އަދަދެއް ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކު ބްރިޖު ބޭނުންކުރަމުންދާއިރު ކިތަންމެ ކުޑަ އަގެއް ކަނޑައެޅިޔަސް ބްރިޖް މެއިންޓެއިން ކުރަންދާ ހަރަދު ޓޮލް އިން ލިބޭނެ ކަމަށެވެ.

ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ.