ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ވެހިކަލް ހިމެނޭހެން މާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރީން ބުނެފިއެވެ.

ރޭ މާލެ ފަހި ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީން ބުނީ، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އަމަލު ކުރަމުންދާ ގޮތަށް ޒަމާނީ އަދި ސަލާމަތީގޮތުން ރައްކާތެރި އަދި ރިލަޔަބަލް ޓެކްސީ ލައިނެއް ތައާރަފްކޮށް ހިދުމަތް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސްގެ އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ފުރުސަތު ދީގެން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި މި ޓެކްސީ ލައިނަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްގެ 25 ޕަސެންޓް ވެހިކަލް ހިމެނޭނެ ޓެކްސީ ލައިނެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ ޕްރޮގްރާމްގައި 27 ހަރަކާތެއް ހިމެނޭ އިރު އޭގައި މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް ހިމެނޭހެން ޓެކްސީ ލައިނެއް ތައާރަފް ކުރުމުގެ އިތުރުން އޮޓޯމޯބައިލް ވެހިކަލްތައް މާލޭގެ މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހެދުމާއި މާލެ ސަރަހއްދުގައި ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތް ކުރާ ގަޑިވެސް ރޭގަނޑަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މި ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަ ޓްރާންސްޕޯޓް މުހައްމަދު އަމީން ވިދާޅުވީ، މާލެ ފަހި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އަދި ޒިޔާރަތްކުރާ ފަރާތްތަކަށް މަގުތަކަކީ ހިންހަމަޖެހުމާއެކު ހިނގާބިނގާވެ އުޅެވޭފަދަ ތަނަކަށް ބަދަލުކުރުމަށް، ވަށައިޖެހޭ ހައްލެއް ހޯދުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ހަރަކާތްތަކެއްގެ ފެށުން ކަމަށެވެ. މިޕްރޮގްރާމް ކާމިޔާބުކަމާއެކު ތަންފީޒުކޮށް ކުރިޔަށް ގެންދެވޭނީ، ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށް އަމީން ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މިހާރުވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެ ގޮތުން މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެން ޕާކްކޮށް ބޭނުން ނުކުރާ ވެހިކަލްތައް ޓޯކޮށް ނައްތާލުމުގެ މަސައްކަތް އަންނަނީ ވަރަށް ސްޕީޑުގައި ކުރަމުންނެވެ. މީގެ އިތުރުން ވެހިކަލްތައް ޕާކުކުރުމުގެ ޖާގަ ނެތުމުގެ މައްސަލަ ހައްލު ކުރުމަށް ވެސް ވެހިކަލް ޕާކް ކުރުމަށް ހާއްސަ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރަމުން އަންނަ ކަމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.