މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފަރުމާކޮށްފައިވާ "މާލެ ފަހި ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމު އިފުތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފައެވެ.

މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި، މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީ ކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.