ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރިތާ 48 ގަޑިއިރު ނުވަނީސް، ޔޫސުފް މާނިއު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މާނިއު އިސްތިއުފާދެއްވާފައިވާ ކަން އެ މިނިސްޓްރީން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަސްޓަމްސްގެ ކޮމިޝަނަރުކަމަށް އައްޔަންކުރެއްވި މާނިއު، އެ މަގާމުން ވަކިކޮށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އޭނާ އައްޔަންކުރީ މިދިޔަ ހޯމަ ދުވަހުގައެވެ. އޭނާގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަސްޓަމްސްގެ ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ފާތިމަތު ދިޔާނާއެވެ.

މިއީ ކަސްޓަމްސްގެ ތާރީހުގައި އެ އިދާރާގެ ކޮމިޝަނަރު ޖެނެރަލްކަމަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

މާނިއު ވަނީ މީގެ ކުރިން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމާއި ރައީސްކަން ކުރައްވައިފައެވެ.