މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 2،000 އާ ގާތްކުރާ ކަމަށް ބުނާ ބުނުން މިއަދު ވެސް ތަކުރާރުކޮށް، މަހަކު ބިލިއަނަކަށް ވުރެ ގިނައިން މުސާރައަށް ހޭދަކުރާ ކަމަށް، އެމްޑީޕީން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމުގެ ކަންކަން ހިނގައިދިޔައީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ އަރިހު އެދިވަޑައިގެން މިނިސްޓަރު އެ ކޮމިޓީ އަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
ހާޝިމް ގަވަރުނަރުގެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމި ނިންމުމަކީ ރާއްޖޭގެ މަނިޓަރީ ހަޔާތުގެ ކަޅު ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ސަރުކާރުން މިވަގުތު ވަކިކަމެއް ބޭނުންވެފަ އޮތީތީވެ އެ ބޭފުޅުން އެކަން ކުރެއްވިތަން އަޅުގަނޑުމެންނަށް ފެނުނީ،" ނާޒިލް ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު، އަދި މާލިއްޔަތު ކޮމިޓީގައި އިންނަވާ އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި، ގަވަރުނަރު މަގާމުން ވަކިކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސޯދު މި ހާލަތުގައި އޮއްވައި ގަވަރުނަރު މަގާމުން ވަކިކުރުމުން، ފަހުން ނުކުންނަ ނަތީޖާ ހިތިވާނެއެވެ.
އަބްދުލްޣަފޫރު ވިދާޅުވީ، ސަރުކާރަށް ނަތީޖާ ރަނގަޅުކުރެވޭނީ ނިޔަތް ރަނގަޅުވެގެން ކަމަށާއި، ނަމަވެސް ނަތީޖާ ރަނގަޅުވާނެ ގޮތެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ. ހަމަ އެހެންމެ މިފްކޯ އިން މަސް ކިލޯއެއް ގަންނަ އަގު ކުޑަކުރުން ފަދަ ނިންމުންތައް ސަރުކާރުން ނިންމާފައި ވަނީ ކުރަން ޖެހޭ އެހެނިހެން ކަންކަން ނުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައުޟޫއުގައި ވާހަކަ ގެންދަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ދައުލަތުން މުވައްޒަފުންނަށް ބިލިއަނަކަށް ވުރެ ގިނައިން މަހަކު ހޭދަކުރާ ކަމަށާއި، ރިކަރަންޓް ހަރަދު ބޮޑުވެގެން މި އުޅެނީ އެ ސަބަބާ ހެދި ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އަންދާޒާކުރާ ވަރަށް ލިބެމުންދާ ކަމަށާއި، ފަތުރުވެރިކަން ވެސް ރަނގަޅު ކަމަށެވެ.
"އެހެންވީމާ ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ނޫން ގޮތެއްގައެއް އަޅުގަނޑުމެންނަކަށް މި ކަންކަމުން އަރައިގަނެވޭނެ މަންޒަރެއް އަޅުގަނޑަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏަކުން މުވައްޒަފުންގެ މުސާރައަށް ފަސް މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދޭތެރޭ މަހަކު ހޭދަކުރަމުންދާ ކަމަށާއި، އެހެންކަމުން ކުންފުނިތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ކުޑަވެ، ކުންފުނިތަކަށް މެނޭޖުކުރަން އުނދަގޫވާނެ ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
މުއިއްޒުއަށް ވޯޓް ދިނީ ޝަކުވާ މަދުވާނެ ކަމަށް ބަލައި ހޭލާ ތިބެ މަސައްކަތް ނިންމަން. 14:30 އަށް އޮފީސްތައް ބަންދުކުރަން ފަށައިފި. އެމް.ޑީ.ޕީ ވެސް އެދުވަހު ޖެހީ ސަކަރާތްކަން އެމް.ޑީ.ޕީގެ އިސް މެމްބަރުން ބުނި ހަނދުމަ އެބަހުރި. ހަމަ ސަހަލު އެކަކު ނެތް.