ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސްއަށް ހާއްސަކޮށްފައިވާގެ ގެކޮޅު މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މުރައިދޫ ގެއަށް ބަދަލުވާން ނިންމަވާފައިވާކަން އަބްދުއްރަހީމް ވަނީ މިއަދު ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

އާންމު ކޮމިޓީގެ މުގައްރިރު ހުޅުދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއަށް ފޮނުއްވި އެ ސިޓީގައި އަބްދުއްރަހީމް ވަނީ މުރައިދޫގެ ނިމި ރައީސްގެ ގެކޮޅު ބޭނުންކުރަން ފަށުމުގެ ކުރިން ބައެއް މަގާމުތަކަށް ބަދަލު ގެންނަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެއް މަގާމުގެ ނަން ބަދަލުކުރުމަށް ނިންމަވާފައި ވާއިރު، 4 މަގާމެއް އުވާލައި، އެ މަގާމުތަކުގެ ބަދަލުގައި 4 މަގާމެއް އުފެއްދުމަށް ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. މަޖިލީހުގެ ރައީސްގެ މި ހުށަހެޅުން އާންމު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރައީސް ހުންނެވުމަށް މުރައިދޫގެ ހާއްސަކޮށްފައި ވަނީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގާނޫނަށް ގެނައި އިސްލާހާއެކުއެވެ.

ރައްޔިތުންގެ މަޖިލީޖހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ވެސް ވަނީ ރަސްމީ ގެކޮޅެއް ހަމަޖައްސައިދީފައެވެ.