ކުއްލި މައްސަލައިގައި ވަކިވަކި މެންބަރުންނަށް ބަހުސްކުރަން ދޭ ވަގުތު އިތުރުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މިއަދު ފާސްކޮށްފިއެވެ.

އާ މަޖިލީހުގެ ގަވައިދު ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުގެ ކުރިން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވީ ކުއްލި މައްސަލައެއްގެ ބަހުސަށް ދެވޭ ވަގުތު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެއް ގަޑިއިރަށް ވުރެ ދިގުނުކުރުމަށާއި، ބަހުސްކުރާ މެންބަރުންނަށް ފަސް މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.

މިހާރު އޮންނަ ގޮތުން ނަމަ، ކުއްލި މައްސަލައަކަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް ވެސް ލިބެނީ ދެ މިނެޓުގެ ވަގުތެކެވެ.

އައްބާސް ހުށަހެޅުއްވި އިސްލާހަށް ތާއީދުކުރެއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. އެހެންވެ ރިޔާސަތުން އެންމެ ފުރަތަމަ އެހީ މި އިސްލާހު ފާސްކުރުމުގެ ވޯޓަށެވެ.

ވޯޓުގައި ބައިވެރިވި 63 މެންބަރުން ވެސް ވަނީ މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 64 މެންބަރުން ވެސް ވަނީ ގަވައިދު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވައިފައެވެ.

20 ވަނަ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތްކުރި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން:

  • އެންޓި-ޑިފެކްޝަން ގާނޫނާ ފުށޫއަރާ މާއްދާތައް މަޖިލީހުގެ ގަވައިދުން އުނިކޮށްފައިވޭ
  • ކޯޓުތަކުގައި ބަންޑާރަނައިބު މަޖިލިސް ތަމްސީލުކުރަން ޖެހޭ ގޮތަށް އޮތުމުން، ކޯޓުތަކުގައި ކައުންސެލް ޖެނެރަލް މަޖިލިސް ތަމްސީލުކުރަން ޖެހޭނެ ކަމަށް އޮންނަ އޮތުން އުނިކޮށްފައިވޭ
  • ޖަލްސާގެ ހުސްވަގުތު މެންދުރު ނަމާދު ވަގުތަށް ބުރޫ ނާރާ ގޮތަށް ގަވައިދު އިސްލާހުކުރަން ޖެހޭ
  • ގެދޮރުވެރިކަމުގެ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އިތުރުކުރަން ގަވައިދުގައި ހިމަނާފައިވޭ

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރައްވަން ޖެހޭ ވަކި ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކެއް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އަޅާނެ ފިޔަވަޅުތަކެއް ކަމަށް ބަޔާންކޮށްފައި ވަނީ:

  • މެންބަރު ކުރި އަމަލެއް ކުށްވެރިކޮށް ރަސްމީ ލިޔުމެއް ފޮނުވުން
  • މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެފަދައިން ކަންތައްތައް ނުކުރުމަށް ނަސޭހަތްތެރިވުން
  • ވަކި މުއްދަތަކަށް ކޮމިޓީތަކާއި ޖަލްސާތަކުގައި ބައިވެރިނުވެވޭ ގޮތަށް ހަދައި ސަސްޕެންޑުކުރުން
  • މަޖިލީހުުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީފި ނަމަ މެންބަރުންގެ މުސާރައިން އުނިކުރުން
  • ނަމަވެސް މުހިންމު ބައެއް މައްސަލަތަކުގައި ވޯޓު ނެގުމަށް ބައިވެރިވެވޭ ގޮތް ހެދުން