އިންޑަސްޓްރިއަލް ޒޯނުގެ ބިންތަކަކީ ހައުސިން މިނިސްޓްރީގެ ތަންތަން ކަމަށް ކަނޑައަޅައި ހައުސިންގް މިނިސްޓްރީއާއި ހަވާލު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދައުވާގައި ބުނެފައި ވަނީ އެ ބިންތަކުގެ މައްޗަށް ކައުންސިލުގެ މިލުކުވެރިކަމެއް ނެތް ކަމާއި އެ ބިންތަކާ ގުޅޭ މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތެއް އެ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ.

ހަމައެހެންމެ އެ ބިންތަކުގައި ކައުންސިލުން ހުއްދަ ދީގެން ކުރަމުންދާ އެންމެހާ މަސައްކަތްތައް ހުއްޓުވާ ދައުލަތާ ހަވާލުކުރުމަށް އަމުރު ކޮށްދިނުމަށް އެދި ދައުވާ ކޮށްދިނުމަށް ވެސް ހައުސިންގް މިނިސްޓްރީން ވަނީ އެދިފައެވެ.

ދީފައިވާ މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވުމުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ސިޓީ ކައުންސިލްގެ ޣައިރު ހާޒިރުގައެވެ. އެއާއެކު ސިވިލްކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނެފައި ވަނީ އެ ބިންތަކަކީ ހައުސިން މިނިސްޓްރީގެ ބިންތަކެއްކަން ސާބިތުވާ ކަމަށެވެ. އަދި އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތު މާލޭ ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށް އެ ހުކުމްގައި ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ހުއްދަ ދީގެން އެ ބިމުގައި ކުރަމުންދާ އެންމެހާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލާ އަންނަ 2023، 30 ޖުލައިގެ ނިޔަަލަށް މިނިސްޓްރީއާ ހަވާލުކުރުމަށް މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ އިސް ގާޒީ، މަރިޔަމް ވަހީދާ ވަނީ ހުކުމް އިއްވާފައެވެ.

މީގެ ކުރިން އެކި ފަހަރު މަތިން އެ ބިންތައް ހުސް ކުރުމަށް ހައުސިންގް މިނިސްޓްރީން ވަނީ ކައުންސިލަށް އަންގާފައެވެ.

އެގޮތުން 23 ނޮވެމްބަރު 2022 ގައި ހައުސިންގް މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ބިމަކީ ތިލަމާލެ ބްރިޖް މަސައްކަތަަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ބިމެއް ކަމަށެވެ. އަދި ބިންތައް ތިން ވަނަ ފަރާތަކަށް ކައުންސިލުން ދޫކޮށްފައިވާތީ އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އޭރު އަންގާފައިވީ ނަމަވެސް ކައުންސިލުން ބުނެފައި ވަނީ ވަކި ފަރާތަކަށް ރަޖިސްޓްރީ ކޮށްދީފައި ނުވާ ބިންތަކަކީ ކައުންސިލުގެ ބިންތަކެއް ކަމަށެވެ.