އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓުގެ ހިދުމަތްދޭން ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަށް އެ ސިޓީގެ ރައްޔިތުންނަށް ދަތިވެފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ، އައްޑު އަށް ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ މިންވަރަށް ފޯރުކޮށްދިނުމުން ވެސް އެ ސިޓީން ކަރަންޓު ކެނޑެމުން ދާތީ އެ ސިޓީގެ ސްކޫލްތަކުންނާއި އޮފީސްތަކުން ދޭން ޖެހޭ ހިދުމަތް ނުދެވި، އާންމުން ގެންގުޅޭ އަގުބޮޑެތި ސާމާނު ހަލާކުވެ ދާތީ މިކަމުގަ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.

އޭނާ ފަހަގަކުރެއްވި ގޮތުގައި، ކަރަންޓު ފަދަ އަސާސީ ހިދުމަތެއް ދިގު މުއްދަތެއް ވަންދެން ނުދިނުމަކީ އެކަމުގެ ސަބަބުން އިތުރު އަސާސީ ހައްގުތަކަށް ވެސް އަސަރުކުރާނެ ކަމެކެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި، ޖަނަރޭޓަރުތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓުތައް ވޭތުވެދިޔަ ހަތް މަހު ފޯރުކޮށްދީފައިނުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންވެ، މި މައްސަލަ ހައްލުކޮށް، އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރަނގަޅުކުރުމަށް ތިމާވެއްޓާ ބެހޭ ވަޒީރަށް އޭނާ ގޮވާލެއްވިއެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 57 މެންބަރުން ވެސް ވަނީ ނިންމައިފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން، ނާޒިލް ވަނީ އައްޑުއަށް ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތް ނުލިބޭތީ ވެސް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އައްޑުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކައިން ވަނީ 32 މެގަވޯޓުގެ އިންޖީނުގެއެއް ގާއިމްކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު މީގެ ތިން މަސް ކުރިން ސޮއިކޮށްފައެވެ.