އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ ގޮތުން 32 މެގަވޯޓުގެ އިންޖީނުގެއެއް ގާއިމުކުރަން މިއަދު ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ފެނަކައިން ބުނީ މި އިންޖީނުގެ ގާއިމުކުރުމާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން އާ އިންޖީނުގެ ނިންމާ ކުރިއަށް އޮތް 20 އަހަރަށް އެކަށީގެންވާ މިންވަރަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރެވިގެންދާނެކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކައިން އިތުރަށް ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިމި ހިދުމަތް ދެވެން ފަށާނެކަމަށެވެ.

ކަރަންޓުގެ މައްސަލަ މިދޭތެރެއަކުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ނިމިދިޔަ މަހެއް ހާ ދުވަހު ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ކުރިމަތިވެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެރަށަށް ގޮސް ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީފައެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިއްޔެ ފެނަކައިން ވަނީ 7 ރަށަކަށް ޖެންސެޓްވެސް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ބ. ކިހާދޫ، ނ. މާފަރު، ބ. މާޅޮސް، ރ. މާކުރަތު، ނ. ހެނބަދޫ، ރ. އަލިފުށި އަދި ށ. މަރޮއްޓަށް ވަނީ ޖެންސެޓް ފޮނުވާފައެވެ.

ކަރަންޓުގެ މައްސަލަ އާއި ގުޅިގެން ރައީސް ޑރ. މުއިއްޒު "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށާއި ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތީ އެކެނި ނޫންކަމަށެވެ. ފެނަކައިގެ ޖެން ސެޓް ތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.