މިނިވަން ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން 26 ޖުލައި 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް އެ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތަށް ނިންމާފައި ވަނީ މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށް ވެއެވެ.

މިފަދައިން އަންނަ ބޮޑެތި މުނާސަބާތަކުގައި މީގެ ކުރިންވެސް މާލޭގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އީދު ފަދަ ދުވަސްތައް ހިމެނެއެވެ. މިނިވަން ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

މީގެ ކުރިން ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަ ކުރި ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ހަރަކާތްތައް ނުބާއްވާ ގޮތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.