މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފިއެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަދު ސޮއި ކުރެވުނު ލެޓާ އޮފް އެކްސްޗޭންޖްއަށްފަހު މި މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނެއެވެ. މިއީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެެހޭ މަރުހަލާއެވެ.

ޗައިނާގެ ބެއިޖިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިސަރުކާރުގެ ފަރާތުން މި ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާ)ގެ ޗެއާމަން ލިއޯ ޒައޯހުއި އެވެ.

ރައީސް މުއިއްޒު މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމަށްޓަކައި ވެވުނު ފަހުމުނާމާއާއި ގުޅިގެން ތަރައްގީގެ މަޝްރޫއުތަކަށް ހިލޭއެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވާދެއްވުމަށް ނިންމެވިކަން އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ޗައިނާއިން ދެއްވާ ހިލޭ އެހީއިން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅުއްވާފައެވެ.