ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް އޮފީހާ އެކު އެޓާނީ ޖެނެރަލް އޮފީހުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ، މިއަދު ވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާ ގުގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށާއި މިކަމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއާ އެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެއާއެކު އޭސީސީއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލީގަލް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަޝްވަރާކުރި ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އޭސީސީން އަންނަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އޮތް ގޮތް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިއްސާ ކުރަމުން ބުނެފައި ވަނީ، މަޝްރޫއުތައް ހުއްތާލައި އެ މަޝްރޫއުތަކުގެ ބަޖެޓު ހުސްކޮށްލި މައްސަލަަތކެއް ބަލާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އެ ފައިސާ އިން ނުހައްގުން މުއްސަނދިކަން ލިބިފައިވާ މީހުން ދެނެގަތުމަށް ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.