ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަގާމުގެ ޒިންމާ އަދާނުކުރެއްވޭ ނަމަ ރައްޔިތުންގެ މަޖިލީހުން އޭނާ ވެސް ވަކިކުރައްވާނެ ކަމުގެ އިންޒާރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވައިފިއެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް މަސައްކަތްކުރައްވަން ވާނީ ވަކި ބައެއްގެ ހައްގުގައި ނޫން ކަމަށާއި، މަސައްކަތްކުރައްވަން ވާނީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
"އެ ބޭފުޅާ (ޝަމީމް) ވެސް އެބަޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާކުރައްވަން، އަދާނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަންނަވަންވީ،" އޭނާ ވިދާޅުވިއެވެ.
"އެހެންނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން [ޝަމީމް] ބޭރުކުރާނަން،"
އައްބާސް ވިދާޅުވީ، އާންމުންނަށް އަނިޔާވެރިވެ، އާންމުން އެދޭ ގޮތަށް މަސައްކަތްނުކުރައްވާ ބޭފުޅުން އިސް މަގާމުތަކުގައި ބަހައްޓަން މި މަޖިލީހުން ފުރުސަތެއް ނުދޭނެ ކަމަށާއި، އެއަށް ވުރެ މި ހިނގަމުންދާ 20 ވަނަ މަޖިލިސް ނަޒާހަތްތެރިވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވާނުވާ ބަންދު، ނުވަތަ ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ތިބުން، ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިޔަސް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ވިޔަސް ނިމުމަކަށް ގެންނަން ޖެހެއެވެ.
"ފަނޑިޔާރުގެތަކާއި ޕްރޮސެކިއުޓާ ޖެނެރަލާ މި ތިބެނީ ކީއްކުރަންތޯ؟ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ބޭނުމެއް ނުވޭ ޖުޑިޝަރީ ތެރެއަށް އަތްބާނާ ފައި ބާނާކަށް، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ބޭނުމެއް ނުވޭ ޖުޑިޝަރީ އަށް ނުފޫޒު ފޯރުވާކަށް،" އައްބާސް ވިދާޅުވިއެވެ.
ޖުޑިޝަރީގެ އެންމެހާ ޒިންމާތައް މަތިކޮށްފައިވަނީ ބަންޑާރަނައިބަށާއި ޕްރޮސެކިއުޓާ ޖެނެރަލަށާއި ފަނޑިޔާރުންނަށް ކަމަށްވީ ހިނދު، އެ ބޭފުޅުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، ބަހަނާ ނުދައްކައި، ސަރުކާރުގެ އިސްވެރިންނާ މަޝްވަރާކުރައްވައި، ވަގުތީ ހައްލެއް ހޯދައިގެން ނަމަވެސް، ޝަރީއަތްތައް އަވަސްކުރުމަށް އައްބާސް ގޮވާލެއްވިއެވެ.