ސަރުކާރުން ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކަށް އިދިކޮޅު އެމްޑީޕީގެ ބަހެއް މުހިންމުކަމަށާއި، ނަމަވެސް ބަހުސްގެ މަރުހަލާގައި އެ ޕާޓީގެ ދައުރު ހަނިކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ހިމެނުމަށް ގާނޫނުލްއުގޫބާތަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، މިފަދަ ބިލުތަކުގައި އެމްޑީޕީން ގެންގުޅޭ ހިޔާލު އެނގުން ވަރަށް މުހިންމު ކަމަށެވެ.

"އެއީ މިއީ ކުދިކުދި ކަންތައްތަކުގެ ވާހަކައެއް ނޫން، ކުދިކުދި އިސްލާހުތަކެއް ނޫން ހުށަހަޅައިގެން މި ބަހުސްކުރަނީ، އެހެންވީމާ ހަގީގަތުގަ އެ ބޭފުޅުން ވެސް ރައްޔިތުން މަންދޫބުންގެ ގޮތުގަ މި ތަނަށް ފޮނުއްވާފަ މިތިބީ، ހަމަ އެ ބޭފުޅުންނަށް ވެސް އަޅުގަނޑުމެންނަށް ލިބޭ އުޖޫރަ މިތާ މަސައްކަތްކުރީމަ ލިބޭ،" ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީއެންސީން ދަނީ މައިނޯރިޓީ އަށް އިހްތިރާމްކުރަމުންނެވެ. އެގޮތުން އާންމުންނަށް ފައިދާހުރި ކުއްލި މައްސަލަތަކަށް ބަހުސްކުރުމުގެ ފުރުސަތު ޕީއެންސީން ދެމުންދާ ކަމަށް ވިދާޅުވިއެވެ.

ފަލާހުގެ ވާހަކައަށް ތާއީދުކުރައްވައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، 20 ވަނަ މަޖިލިސް ފެށުނީއްސުރެ އެމްޑީޕީން ކުއްލި މައްސަލަ ހުށަހަޅަނީ އާންމުންނާއި ނޫސްތަކުގެ ސަމާލުކަން ހޯދުމަށް ކަމަށާއި، ބިލުތަކަށް ކުރެވޭ ބަހުސްގައި އެމްޑީޕީގެ ދައުރު ހަނިކަމަށް ފާހަގަކުރެވޭ ކަމަށެވެ.

"ގައުމުގެ ކަންކަން ހަރުދަނާކޮށް، ގައުމުގެ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ މިފަދަ މުހިންމު ބިލުތަކަށް ބަހުސްކުރުމަކީ ކުރައްވަން ޖެހޭ ކަމެއް، ކޮންމެ އިއްޒަތްތެރި މެންބަރެއްގެ ހިޔާލާއި މަޝްވަރާ ދެއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އައްބާސް ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅޭތާ މަދު ވަގުތުކޮޅެއް ތެރޭ ކޮމިޓީ އަށް ފޮނުވާލުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.

މީގެ ހަފްތާއެއް ކުރިން އެމްޑީޕީގެ އިސްބޭފުޅުން ވަނީ މަޖިލީހުގައި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށާއި، މައިނޯރިޓީއަށް ފުޅާކޮށް މަސައްކަތްކުރެވޭނެ ފުރުސަތު ފަހިކޮށްދޭން އެދި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައިފައެވެ.