މިނިވަންކަން ހޯދުމަށް 1971 ގައި ޕާކިސްތާނާ ކުރި ހަނގުރާމައިގައި ބައިވެރިވި އާއިލާތަކުގެ މެންބަރުންނަށް ހާއްސަކޮށްފައި އޮތް ވަޒީފާގެ ކޯޓާ ސިސްޓަމް އުވާލިޔަސް މުޒާހަރާ ނުހުއްޓާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.
1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް ސިވިލް ސާވިސްގެ ރަނގަޅު ވަޒީފާތައް ލިބޭގޮތަށް އޮންނަ ކޯޓާ ސިސްޓަމުގައި 30 ޕަސެންޓް ހާއްސަ ކޮށްފައި އޮންނަނީ އެފަރާތްތަކަށެވެ. އެހެން އެކަން އޮތުމުން ކިޔަވައިގެން ތިއްބަސް އާންމު ރައްޔިތުންގެ ތެރެއިން އެ ކެޓަގަރިގައި ލައްވާ ނުލައި ފަރާރްތަކަށް ވަޒީފާގެ ފުރުސަތު ލިބުން އޮންނަނީ ނާދިރު ކަމަކަށް ވެފައެވެ.
އެ މައްސަލަ ބޮޑުވެ ކޮލެޖް ޔުނިވާސިޓީގެ ދަރިވަތުން ރުޅިގަދަވެ ފެށި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ހިނގި ކުރިމަތިލުންތަކުގައި 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ފާއިތުވި 2-3 ހަފްތާ ވެގެން ގޮސްފައި ވަނީ ހަމަނުޖެހުން އެންމެ ހޫނުވި ދެތިން ހަފްތާއަށެވެ. ބައެއް ވެހިލަކްތަކާއި ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން މަގުތައް ބަންދުކޮށް ގަސްގަހާއި ކުނިބުނި އަޅާ ހަދާފައި ވާއިރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އާންމުން މައިތިރި ކުރުމަށް މަސައްކަތް ކޮށްފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންގެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ބޮޑުވަޒީރު ޝައިހު ހަސީނާ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.
ކޯޓާ މައްސަލަ ބޮޑުވެ އެގައުމުގެ ސްޕްރީމް ކޯޓުން އަމުރެއް ނެރެ, ކޯޓާގެ 93 ޕަސެންޓް ހާއްސަ ކުރާނީ މެރިޓް ބޭސިސް [ތައުލީމީ ފެންވަރަށް] ބެލުމަށް ފަހު އެންމެނަށް ވެސް ކުރިމަތިލެވޭގޮތަށް ކަމަށާއި ބާކީ 7 ޕަސެންޓް 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިއާއެކު މުޒާހަރާގެ ބައިވެރިން މިހާރު ބުނެފައި ވަނީ, އެހެން ހެދުމަކުން އެމީހުންގެ ރުޅި މަޑުނުވާ ކަމަށާއި, މިހާރު ހިންގާފައި އޮތް ކާފިއު އުވާލައި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެމީހުންގެ ލީޑަރުން ދޫކޮށްލުމަށެވެ. އަދި އެކަން ކުރަން ސަރުކާރަށް 48 ގަޑިއިރުގެ މުހުލަތެއް ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ބަންގްލަދޭޝްގެ ހާލަތާ ގުޅޭ ގޮތުން އެގައުމުގެ ފުލުހުންގެ އޮފިޝަލުން ބުނެފައި ވަނީ, މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ނެރުމާއެކު މިހާރު ހާލަތު ހަމައަކަށް އެޅެމުން އަންނަ ކަމަށާއި މުޒާހަރާގެ ބައިވެރިން ހުއްޓުވައި ކޮންޓްރޯލް ކުރެވިފައި ވާ ކަމަށެވެ.