ގދ. ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އަދި މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާއިރު އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ މީހާ 15 ދުވަހަށް ބަންދު ކުރުން އަމުރުކޮށްފައެވެ.

އެ މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަ ތައް އިތުރުވެފައިވާއިރު، ނިމިދިޔަ ޖޫން މަހު ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ޖޫން މަހު އެކެނިވެސް ޖިންސީ ގޯނާގެ 23 މައްސަލައެއް އަދި ގެވެށި އަނިޔާގެ 25 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ.