ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.

އަބްދުއްރަހީމްގެ މި ނިންމެވުމާއެކު ފުރަތަމަ ފަހަރަށް މިއަދު ވަނީ މަޖިލީހުގައި ބަގީގެ އަޑު އިއްވާފައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި މެންދުރު ނަމާދު ވަގުތު ޖެހުމާއެކު މަޖިލީހުގެ ރައީސް ވަނީ އެ ވަގުތު ބަހުސް ކުރަމުންދިޔަ ބާރަށު ދާއިރާގެ މެންބަރު އިބްރަހީމް ޝުޖާއުގެ މައިކުގެ އަޑު ކަނޑާލައްވާފައެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވަނީ ބަންގީގެ އަޑު އިއްވާފައެވެ.

ދެން މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ ބަންގީގެ އަޑު އިއްވުމަށްފަހުއެވެ. އަދި ބަންގީގެ އަޑުއިއްވުމަށްފަހު މެންބަރު ޝުޖާއުގެ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ވަނީ ފުރުސަތު ދެއްވާފައެވެ.

މިއީ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވި ފުރަތަމަ ފަހަރެވެ. އަދި މީގެކުރިން ނަމާދު ވަގުތުތަކުގައި މަޖިލިސްގެ ލައިވް މެދުކަނޑާލިކަމުގައިވީ ނަމަވެސް ބަހުސް ކުރުން މެދުކަނޑާލާފައެއް ނުވެއެވެ.