ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ 60 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބުނީ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާއި ހަވަލުކުރީ އެޕްރީލް 11، 2022 ގައެވެ. މި މަޝްރޫއަކީ 26.27 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

އެމްޓީސީސީން ވަނީ ރަތަފަންދޫގެ ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، ރަށްގިރުމާއި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑު ބަޔަކަށް އުދައެރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަން ފާހަގަކޮށްފައެވެ.

އެމްޓީސީސީން ބުނީ އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި އެކުންފުނީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ ދަށުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުން ކަމަށެވެ.