ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، އެ މީހުންނަށް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުން އިއްޔެ މިހެން ނިންމާފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާ މެދު، އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އެ މީހުންނަށް އިހުމާލުވާ މީހުންގެ ލިސްޓެއް އެކުލަވާލައި އެ ލިސްޓު އާންމުކުރުމަށާއި، ބިދޭސީންނަށް ވަޒީފާދޭ ފަރާތުން އިހުމާލުވާ ނަމަ ޖޫރިމަނާކުރުމުގެ އިތުރުން، އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅު އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަޅަން ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ދެން ނިންމި ފިޔަވަޅުތަކަކީ:

  • ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް
  • ވަޒީފާ އާ ބެހޭ ގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަށް
  • އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި 'ކުރަނގި' ނަމުގައި ސަރުކާރުން ބިދޭސީން ގަވައިދަށް ފެއްތުމުގެ އޮޕަރޭޝަނެއް ފަށާފައި ވަނީ މިދިޔަ މޭ މަހުގައެވެ. މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ފިންގަޕްރިންޓާއި ފޭޝަލް ރިގޮކްނިޝަން ނެގުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި އޮޕަރޭޝަންގެ ދަށުން ކ. ހިންމަފުށްޓާއި އެ އަތޮޅުގެ މާފުށީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް، ހޯމްލޭންޑް މިނިސްޓްރީން ބުނެއެވެ.