ގދ. ތިނަދޫ ގައި ގާއިމުކުރެވިފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.
ތިނަދޫ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 40 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓާ ތޯރިގު އިބްރާހީމެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީއެވެ.
މި ހަފްލާގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ފެން ހިންދާ ނިޒާމެއް ތިނަދޫގައި ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. ތޯރިގު ވަނީ މި މަޝްރޫއަކީ ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މުހިއްމު މަޝްރޫއެއްކަން ފާހަގަކުރައްވާފައެވެ.
އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި ރަށުގެ މަގުތަށް ޗަކަވެ މީހުންނާއި ދުއްވާ އުޅަދުތަކަށް އެތަށް އުނދަގުލެއް ދިމާވާކަން ފާހަގަކުރައްވާ މިނިސްޓަރު ތޯރިގު ވަނީ މި މަޝްރޫއާއެކު އާންމުންނަށް އެތަކެއް ފަސޭހައެއް ލިބިގެންދާނެ ކަން ފާހަގަކުރައްވާފައެވެ.
މި މަޝްރޫ ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އިން އަމަލީ ގޮތުން ކުރިއަށް ގެންދިޔަ މި މަޝްރޫގައި ރަށުގައި 5262.81 މީޓަރުގެ އަކުއަ ސެލް ނެޓްވޯކް އަކާއި 9,562.36 މީޓަރުގެ އެޗްޑީޕީއީ ޕައިޕްގެ ނެޓްވޯކެއް ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން 8 ޕަންޕް ސްޓޭޝަން އާއި 8 ސީ އައުޓްފޯލެއްވެސް ވަނީ ގާއިމުކޮށްފައެވެ.