ވަކިބަޔަކަށް އިސްކަން ދޭ ގޮތަށް ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ބަންގްލަދޭޝްގައި ހަދާފައި އޮންނަ ކޯޓާ ސިސްޓަމް އުވާލަން ގޮވާލައި ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ ހަމަނުޖެހުން ހިނގާ އެތައް ބަޔަކު މަރުވެއްޖެއެވެ.

މި މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ މުޒާހަރާ ކުރާ ދަރިވަރުން ހުއްޓުވުމަށް ފުލުހުން ނިކުމެ ދަރިވަރުންނާ ކުރިމަތިލައި ބައެއް މީހުންގެ ގަޔަށް ބަޑިޖަހާފައި ވާ އިރު, އެކިއެކި ހާދިސާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 140 އިން މައްޗަށް އަރާފައެވެ.

ވެރިކަން ކުރާ އަވާމީލީގް ޕާޓީ އަށް ތާއީދު ކުރާ ފަރާތްތަކުން ފުލުހުންނާ ބައިވެރިވެ މަގުތަކަށް ނިކުމެފައިވާ އިރު, އިދިކޮޅު ޕާޓީތަކުން ވަނީ ދަރިވަރުންނާ ބައިވެރިވެފައެވެ.

170 މިލިއަން މީހުންގެ އާބާދީއެއް ބަންގްލަދޭޝްގައި ހިނގަމުންދާ މި ހަމަނުޖެހުންތައް މައިތިބި ކުރުމަށް އިއްޔެއިން ފެށިގެން ވަނީ ކާފިއު ހިންގާފައެވެ.

ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ޒަހަމްވެފައި ވާއިރު އޭގެ ތެރޭގައު ފުލުހުންގެ 300 އެއްހާ މީހުން ވެސް ހިމެނެއެވެ.

ބޭރުގެ ހަބަރުތައް ގެނެސްދޭ ރޮއިޓާސް އިން ބުނީ, މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުޅި ގައުމުން އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައި ވާ ކަމަށާއި ވެރިރަށް ޑާކާގެ އެކިއެކި ސަރަހައްދުތަކުގައި ޗެކް ޕޯސްޓް ޖަހައިގެން ފުލުހުން މަގުތައް ބަލަހައްޓަމުން ގެންދާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން އޮއްގަލާއި ލަޓިބުރިއާއި އެނޫންވެސް ތަފާތު އާލާތްތައް ހިފައިގެން ފުލުހުންނާ ކުރިމަތިލާ އިރު ފުލުހުން ރައްދު ދިނުމުގައި ލައިވް ވަޒަން ބޭނުން ކުރާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އަދި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން, ބަރު ވެހިކަލްތަކުގައި ފުލުހުން އާންމުންގެ ތެރެއަށް ނިކުމެ ބައެއް މީހުންނާ ވަނީ ކުރިމަތިލައިފައެވެ. އެފަދަ އެއް ހާދިސާއެއްގައި މަރުވެފައި މީހެއްގެ ހަނޑިގެ ފުލުހުންގެ ވެހިކަލަކުން ނަގާ ބިންމައްޗަށް ވައްޓާލައި މަންޒަރުވެސް ފެނެއެވެ.

ކާފިއު ހިންގާފައި އޮތް ނަމަވެސް ވިޔަފާރި ކުރުމަށާއި އެނޫން ބައެއް އިޖުތިމާއީ ބޭނުންތައް ފުއްދުމަށް އާންމުކޮށް ނިކުމެ އުޅުމަށްޓަކައި 2 ގަޑި އިރުގެ މުހުލަތެއް ކަނޑައަޅާފައި ވެއެވެ. އެ ވަގުތަށް ފަހު ބޭރުގައި އުޅޭނަމަ ހިފާ ހައްޔަރު ކުރާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ވަޒީފާގެ މައްސަލައިގައި ބަންގްލަދޭޝްގައި ނުތަނަވަސްކަން އުފެދެމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. މިހާރު ކުރިއަށް ދާ ހަމަނުޖެހުން ފެށުނީ, ވަޒީފާ ދިނުމުގައި 1971 ގައި ޕާކިސްތާނާއި ބަންގްލަދޭޝް ކުރި ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓް ހާއްސަކޮށްފައި އޮންނާތީ, ކިޔަވައިގެން ތިއްބަސް އާންމު އެހެން ފަރާތްތަކަށް ރަނގަޅު ވަޒީފާތައް ނުލިބޭ މައްސަލަ ބޮޑުވެގެންނެވެ. އެގޮތުން އެ ސިސްޓަމް އުވާލުމަށް އާންމުންނާއި ދަރިވަރުން ގޮވާލައި ގާނޫނީ ދާއިރާއިން މަސައްކަތް ކުރަމުން ދަނިކޮށް އެ ސިސްޓަމް ދަމަހައްޓަން ހުސްވި ޖޫން މަހުގެ 5 ގައި އެގައުމުގެ ހައިކޯޓުން އަމުރު ކުރުމާއެކު މަޝްރަހު އިތުރަށް ހޫނުވިއެވެ.

އާންމުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށުމާއެކު އެގައުމުގެ ސްޕްރީމް ކޯޓުން, ހައިކޯޓުގެ އަމުރު ހުއްޓުވައި ކޯޓާ ސިސްޓަމް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް އަމުރެއް ނެރުނެވެ. ނަމަވެސް އާންމުން ބުނަމުން ދިޔައީ ހައްލަކީ އެ ސިސްޓަމް އުވާލުން ކަމަށާއި އުވާލަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ބަންގްލަދޭޝްގެ ހަމަނުޖެހުމާ ގުޅިގެން އެކިއެކި ގައުމުތަކުން ފިޔަވަޅުތައް އަޅަމުން އަންނަ އިރު އިންޑިއާއިން ވަނީ ބަންގްލަދޭޝްގައި ތިބި އެގައުމުގެ 4000 އެއްހާ ދަރިވަރުންގެ ތެރެއިން 1000 އެއްހާ ދަރިވަރުން އަނބުރާ ގައުމަށް ގެންގޮސްފައެވެ.